ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޕްރިމިއަ ލީގުގެ ދެ ޓީމްގެ ދެމެދުގައި ކުޅުނު ފޯރިގަދަ މެޗުން މެންޗެސްޓާ ސިޓީ ރޮތްވާލުމަށް ފަހު ލިވަޕޫލް މެޗު ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ މ ކުޅުނު މިމެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
މިސީޒަންގައި އަދި ހަމައެކަނި ލިވަޕޫލް އަތުން ބަލިވި ސިޓީ އާއި ލިވަޕޫލް ރޭ ބައްދަލު ކުރި މެޗުގައި ވެސް ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު މެޗު 12 ވަނަ މިނެޓުގައި މިސީޒަންގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން ގެންދާ މިސްރުގެ ސަލާހު ވަނީ ލިވަޕޫލްއަށް ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާދީފައެވެ.
ސަލާޙް ލަނޑު ޖެހިތާ 9 މިނެޓު ފަހުން އޮސްލޭޑް ޗެމްބަލިން ލަނޑެއް ޖަހާ އެޓީމަށް ލީޑު ފުޅާކޮށްދިންއިރު އެޓީމްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މާނޭއެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ސިޓީގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް އެޓީމަށް މި ހާފުގައި ވެސް ތަނަވަސް ކުރެވިފައެއް ނުވެއެވެ. އެގޮތުން މި މެޗު ސިޓީ އިން ނިންމާލީ ލިވަޕޫލްގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާ ލެވިފައެއް ނުވެއެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މި ދެޓީމް ކުޅޭ މެޗު އޮންނާނީ އަންނަ އަނގާރަ ދުވަހުގެ ރޭ އެވެ.
މިމެޗުން 3 ލަނޑަށްވުރެ ބޮޑު ތަފާތަކުން ލިވަޕޫލް މި މެޗުން ބަލިކޮށްގެން ސިޓީއަށް ކުއާޓާގެ ޖާގައެއް ލިބޭނެއެވެ.