English Edition
Dhivehi Edition

ސ.ހިތަދޫގައި އަމިއްލަ ޖަމިއްޔާ އެއް ކަމުގައިވާ ހޮރައިޒަން އެކަޑަމީ ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “ހޮރައިޒަން އެކަޑަމީ ފަސްޓް ވެޓެރަންސް ބެޑްމިންޓަން ޓޯނަމެންޓް 2018” ރޭ ފަށައިފި އެވެ.

ހޮރައިޒަން އެކަޑަމީގެ އިންޑޯ ހޯލްގައި ކުރިއަށްދާ މި މުބާރާތަކީ އުމުރުން 35 އަހަރުން މަތީގެ އަންހެނުން ނާއި އުމުރުން 40 އަހަރުން މަތީގެ ފިރިހެން ބޭފުޅުން ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

މުބާރާތާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ހޮރައިޒަން އެކަޑަމީގެ ރައީސާ ޒަބީނާ ބުނެފައިވަނީ” މިމުބާރާތުގެ މައިގަނޑު މަގުސަދަކީ އުމުރުން ދުވަސްވީ މީހުން ދުޅަ ހޮޔެ ސިއްހަތެއްގައި ބޭތިއްބުމަށް ބެޑްމިންޓަންގެ ދާއިރާއިން ފުރުސަތު ހޯދައި ދިނުމަށް ބާއްވާ މުބާރާތެއް ކަމަށެވެ.

ޒަބީނާ ބުނީ މިމުބާރާތަކީ ހޮރައިޒަންއިން ހިސްނަގައިގެން ބާއްވާ ފުރަތަމަ ވެޓްރަންސް މުބާރާތަށް ވީ ކަމުގައި ވީ ނަމަވެސް މިއަހަރުގެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ކުރިން އަހަރު ތަކަކޭ އެއްފަދައިން މިއަހަރު ވެސް އެ ޖަމިއްޔާއިން އިސް ނަގައިގެން ގިނަ މުބާރާތަކެއް މިހަރު ވެސް ބޭއްވުމަށް ތާވަލް ވެފައިވާ ކަމަށެވެ.

ހޮރައިޒަން އެކަޑަމީއިން ރޭ ފަށާފައިވާ ވެޓަރަންސް މުބާރާތުގައި މިއަހަރު 35 ޕެއާ ބައިވެރި ވެފައި ވާއިރު މިރެޔާއި މާދަން ރޭވެސް މުބާރާތުގެ މެޗުތަށް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ.

ހޮރައިޒަން އެކަޑަމީއިން އަންނަނީ އައްޑޫގައި ބެޑްމިންޓަނަށް އޮންނަ ލޯބި އިތުރު ކުރުމަށް 2004 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ނަންނަމުގައި މުބާރާތްތަށް ބާއްވަމުންނެވެ.

މިއަހަރުގެ ވެޓްރަންސް މުބާރާތުގެ މިހަރުގެ މުބާރާތް ސްޕޮންސަރ ކޮށްފައުވަނީ އިކުއޭޓާ ވިލޭޖް،ސްލިޕްވޭ އަދި ކޮންޓްރޯލްޕީއިންނެވެ.