ޖެނިފާ އަކީ އަހަންނަށް ލިބުނު ޚަޒާނާއެކެވެ. ނުވަތަ ހޮވުނު މާވަހަރެކެވެ. އިނގިރޭސިވިލާތުގެ ދޮން ކުއްޖެކެވެ. އަހަންނާ އޭނާ ދިމާވީ އޭނާ ޗުއްޓީ ހޭދަކުރަން ގަމަށް އައިސް ހުއްޓައެވެ. އަހަންނަކީ އީކުއޭޓާ ވިލެޖްގެ ހައުސްކީޕިންގެ ހެޑަކަށް ހުރި މީހެކެވެ. އެއްފަހަރަކު ކޮޓަރިއަކަށް ބާލީހެއް ގެނެސްދޭން އެދުނިމާ އަހަރެން ބާލީހެއް ގެންގޮސްދިނީމެވެ. އެއީ ދޫނިފަތް ލާފައި ހުރި ބާލީހެކެވެ. މިބާލީސް އޭނާއަށް ވަރަށް ކަމު ދިޔައެވެ. އެހެންވެ އޭނާ އަހަންނަށް ވަރަށް ޝުކުރު އަދާކުރިއެވެ. އަދި އަހަރެންގެ ނަންވެސް އެހިއެވެ. “މޮހޮމެޑް” އަހަރެން ބުނީމެވެ. ރިސޯޓްގައި އަހަންނަށް ބޭރުމީހުން ގޮވާނީ އެނަމުންނެވެ. އެމީހުންނަށް ތުފައިލް ކިޔަން އުނދަގޫކަމުންނެވެ. އޭނާ އަހަންނާ ގަޔާވިކަން އެނގުނެވެ. “މޮހޮމެޑް ، ބަރާބަރު” އޭނާ ލަންޑަންގެ މަޚުރަޖައަށް އެހެން ބުނީމާ އަހަންނަށް ހެވުނެވެ.
“ޔޫހޭވް އަ ނައިސް ސްމައިލް މޮހޮމެޑް” އަހަރެންނަށް ހެވުނުގޮތް އޭނާއަށް ކަމުދިޔައެވެ. އަހަރެން އަނގަމަތީ އަތްއަޅައިގެން ރަކިވެފައި ހުރެގެން އެނބުރިދާން ހިނގައިގަތީމެވެ.
“މޮހޮމެޑް.” އޭނާ ގޮވާލިއެވެ. “އައިއޭމް ޖެނިފާ. އޭނާ ބުނެލިއެވެ. “ވިލްޔޫ ޓީޗްމީ ދިވެހި.”
އަހަރެން އާނއެކޭ ބުނަން ބޯހަލުވާލާފައި ހިނގައިގަތީމެވެ. އަހަންނަށް ރީއްޗަށްވެސް ހުރެވުނީ ގޮތް ހުސްވެފައެވެ. ރަކިވެފައެވެ. އޭނާއަކީ ނުލާހިކު ރީތި ދޮން ހިމަތޮޅި އިނގިރޭސި ކުއްޖެކެވެ. އިސްތަށިގަނޑުގައި ހުންނަނީ މަޑު ކާކީކުލައެވެ. ލޮލުގައި ހުރީ ވިލުކުލައެވެ. އަތާފައިގައި ހުރީ ރަންކުލައިގެ ލޯލި އިސްތަށިތަކެވެ. އަހަރެންގެ ހިތް އެވަގުތުވެސް އެނާއަށް މިލްކު ކޮށްދެވުނު ކަހަލައެވެ. އެކަމަކު މިއީ ހޭލާ ހުރެގެން ފެނުނު ހުވަފެނެކެވެ.
އަހަރެން ކިރިޔާ ވަގުތެއް ވާއިރުވެސް ޖެނީއާ ބައްދަލު ކުރަމެވެ. ޖެނީވެސް އަހަރެން ހޯދާނެއެވެ. އޭނާ ދިވެހި ދަސްކުރަން ބޭނުންވެއެވެ. އަހަރެން ދަސްކޮށްދިނީ އައްޑޫ ބަހެވެ. “ދޮން ކޮއްޔާ. ދޮން ދީނާ.” މިއީ އަހަރެން އޭނާއަށް މުޚާތަބު ކުރާ ގޮތެވެ. މިނަންތައް އޭނަޔަށް ވަރަށް ކަމުދާނެއެވެ. އޭނާ އަހަންނަށް ކިޔާނީ “ކަޅަ ކޮއްޔާ. ކަޅަދީނާ” އެވެ. މިނަން އަހަންނަށްވެސް ވަރަށް ކަމުދެއެވެ. އަހަރެންގެ ލޯތްބަކަށް ވަކި މިންވަރެއް ހައްދެއް ނެތެވެ.
ޖެނީ ޗުއްޓީގެ ދުވަސްތައް އިތުރުކޮށްފިއެވެ. އޭނާ ބޭނުންވަނީ ފުރުމުގެ ކުރީގައި އަހަންނާ ކާވެނި ކުރުމަށެވެ. އެހެންވެެ އިތުރު ހަފްތާއެއް އޭނާގެ ޗުއްޓީގެ މުއްދަތަށް އިތުރުކުރީއެވެ. އަދި އޭނާގެ މައިންބަފައިން އައުމަށްވެސް ދައުވަތު ދިނެވެ. އަހަރެންގެ އުފަލުގެ ކޮޅެއް ނެތެވެ. ހޭލާ ހުރެގެން އަހަންނަށް ފެނުނު ހުވަފެން ހަގީގަތަކަށް ވަނީއެވެ.
އަހަރެން އެދުވަހު ގެޔަށް ދިޔައީ މިވާހަކަ ބައްޕަ ގާތުގައި ސީދާ ބުނުމަށެވެ. އާދަވެގެން އަހަރެން ބައްޕައާ ސިދާ ސީދާކޮށް ވާހަކަ ނުދެއްކިޔަސް މިއަދު އެކަން ކުރަން އަހަންނަށް މަޖްބޫރު ވެއްޖެއެވެ. މިދޭތެރެ މެދުވެރިޔަކަށް މިއަދު މަންމައެއް ނެތެވެ. މަންމަ ނިޔާވީ މިދިޔަ އަހަރު އެވެ.
ބައްޕައަކީ މަރަދޫގެ ހަރު ބޭކަލެކެވެ. އެއްއިރެއްގައި ކަތީބުކަންވެސް ހުރީ ކޮށްފައެވެ. އަދިވެސް ހުންނަނީ އެ އަމުރުވެރި ގޮތުގައެވެ. ބޮލުގައި ތާކިހާ ނޯންނަނީ މަދުފަހަރަކުއެވެ. އަތްދިގު ގަމީސްލާފައި ހުދު މުންޑު އަނދެފައެވެ. މިހާރު ލާ ހެދުމައް ވުރެން ތުނބުޅި ހުދުވެއްޖެއެވެ.
އަހަރެން ގެޔަށް ވަންއިރު ބައްޕަ ހުރީ ދޮރުމަތީގައެވެ. މޫނަށް ބަލާލުމުން ކަންތައް ގޯސްވެއްޖެކަން އެނގިއްޖެއެވެ. “ކަލޭ މިހާރު ފަރަންޖީންނާ ވެސް ގައިގޯޅިވާން ފެށީތަ؟” މުހަންމަދު ތުފަައިލު އަހަރެން ބޮޑުކޮށްފައި ހުރީ ތިޔަ ފާޑަށް ވިޔާނުދާ ގޮތްގޮތަށް އުޅެންތަ؟”
ބައްޕަގެ ރުޅިގަނޑު ހުރީ އަރާނެ މައްޗަކަށް އަރާފައެވެ. “ތިޔަ މީހަކާ އިނދެގެން މިގެޔަށް ގެންނާކަށް ލާހިކެއް ނޫން. ކަލޭ މީހަކާ އިންނަންޏާ އިންނަންވާނީ އައިމިނާދީގެ ހައްވާ ދިޔެ އާ. ކަލޭގެ މަންމަ ދުނިޔޭގައި ހުރި އިރު އޮތީ އެކަމަށް އެއްބަސްވެފަ.”
“ބައްޕާ!” އަހަރެން ބައްޕައާ ދިމާއަށް ބައްޕަކީ ހަނދާނެއްވެސް ނެތެވެ.
“އަހަރެން މިވަނީ ޖެނީއަށް އާނ ބަސް ބުނެފަ. އޭނާގެ މައިންބަފައިންވެސް އެބަ އާދޭ.”
“ކަލޭގެ މަންމަ ވެސް އޮތީ ހައްވައިދިޔެއަށް އާނބަސް ބުނެފަ.” ބައްޕަގެ ރުޅި އަދި ވަކީން ގަދަވިއެވެ. “ތިމީހުންނަކީ ދޮން މީހުން. އުޅޭނީ ހިތަށް އެރިހާ ގޮތަކަށް، އެއީ އަކީ އަހަރެމެންނަށް ކެތް ކުރެވޭނެ ކަންކަމެއް ނޫން. އަދި ކަލޭ ރުއްސަން ބުރުގާވެސް އަޅާފާނެ. އެވެސް މަކަރާއި އޮޅުވާލުން . އެމީހުން ބޭނުންވާނީ އަހަރެމެންގެ އަގީދާ ހަލާކު ކޮށްލުން. އެއީ ޔަހޫދީން. އަހަރެމެންނަކަށް ހެވެއް ނޭދެނެ.”
އަހަރެން ހަތިޔާރު ބަހަށްޓައިފީމެވެ.
“އޭގެ އަނެއް ދުވަހު އަހަރެން ޖެނީގެ ގާތު މިވާހަކަ ބުނަން ހިނގައްޖެއީމެވެ.
ޖެނީ ހުރީ އަހަރެންގެ ވާހަކަތައް އަޑުއަހަން ތައްޔާރަކަށް ނޫނެވެ. އޭނާއަށް އެކަން އެއީ ބޮޑު ކަމަކަށްވެސް ނުވެއެވެ.
“ހިނގާ އަހަރެމެން އަވަހަށް ފުރައިގެން ދާން. ބައްޕަ އަހަރެމެންގެ ކާވެންޏަކާ ނުރުހުނު.”
“ކީއްކުރަން ދާންވީ. ކަލޭގެ ބައްޕަ އެ ބުނީ ރަނގަޅުވާހަކައެއް.”
“ކީކޭ ތިޔަބުނަނީ އަހަރެމެންގެ ލޯތްބަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނޭތަ؟”
“ހޫނު ގަދަވެ ދާހިއްލީމާ ވަރާ ފެނަކީވެސް އަގެއް ހުންނަ އެއްޗެއް ނޫނެއްނު؟ ”
ޖެނީ! ތިޔަ ކުރަނީ ސަމާސާއެއްތަ؟ އަހަރެން މިއޮތްގެން ހަލާކުވަނީ. “އަހަރެމެންގެ ދެމީހުންނަށް ނީނދެވޭނަމަ އަހަންނަށް އޮތީ ކޮން އުފަލެއް. އަހަރެންގެ ދިރިއުޅުން ބަރުބާދު ވެދާނެއެއްނު.“
“މޮހޮމެޑްއާ އިނދެފިއްޔާ އަހަރެންގެ ދިރިއުޅުންވެސް ބަރުބާދު ވެދާނެ ނު. މަށަކީ މީ ލަންޑަން މީހެއް. ދޮންކޮއްޔާއެއް. ތީ އާދައިގެ ދިވެއްސެއް. ކަޅަކޮއްޔާއެއް.”
“އާދައިގެ ދިވެއްސެކޭ؟ ކަޅަކޮއްޔާ އެކޭ؟ އަހަރެން ކުރިހުރިހާ އުންމީދަކާ ވީ ލޯތްބަށް މިވީ ކިހިނެއް؟ އަހަރެން ފޮނުވި ޅެންތަކާ ސިޓީތައް ބޭކާރުވީތަ؟ ތީތަ ދޮން މީހުންގެ ގޮތަކީ؟ ކުރީގައި ކަޅަކޮއްޔާ ވަރެއްނެތް. “
ދެން އަހަންނަކަށް ކުރިޔަކަށް ނުގެންދެވުނެވެ.
ފިރިހެނަކަށްވެ ހުރެވެސް އަހަރެން ރުއީމެވެ. މުޅި އުމުރުގައި ފުރަތަމަ ފަހަރަށެވެ. އެއްގަމުގައި ހުއްޓާމެ އަހަރެން މިވަނީ ކަނޑުވެފައެވެ.
ބޭރު މީހުންނާ ގުޅުމަކީ މިކަހަލަ ކަމެކޭ އޭރުވެސް މީހުން ބުނެ ހެދިއެވެ. އަހަރެން އޭން އެއެްވެސް ވާހަކައެއް އަޑެއް ނޭހީމެވެ. އެއަށް ވުރެން އަހަރެން ޖެނީ ދެކެ ލޯބި ވީވަރު ބޮޑެވެ.
އަހަރެންނަށް މިވަނީ ގޮތް ހުސްވެފައެވެ. ބައްޕަ ބުނުއްވި ގޮތް ހެދުން ނޫން ގޮތެއް ނެތެވެ. އަހަރެން ހައްވަ ގެޔަށް ހިނގައްޖެއީމެވެ.
“ހައްވާ އަހަރެން ދެކެ ލޯބިވަންތަ؟” އަހަރެން އެހީމެވެ.
“އަހަރެންގެ އަމިއްލަ ނަފްސަށް ވުރެން ވެސް ބޮޑަށް. “ އޭނާ ބުންޏެވެ.
“އަހަންނަށް ވުރެން ތަނަވަސް ފުރިހަމަ މީހަކު ހުށަހަޅައިފިއްޔާޔޯ؟”
“މުދަލާ ތަނަވަސްކަމަކީ އަހަރެން އެދޭ ކަމެއް ނޫން.” ހައްވަ ބުންޏެވެ.” މުދަލަކީ އެއްއިރެއްގައި ވެސް އަހަރެން ބޭނުންވި އެއްޗެއް ނޫން. މުހިންމީ ރަށު މީހަކާ އިނދެގެން ރަށުގައި އުޅުން. “
އަހަރެން ހައްވަ ގޮވައިގެން ޖެނީ ގާތަށް ހިނގައްޖެއީމެވެ.
“ނިކަން ދެކެބަލަ. މިތިބެނީ އަންހެނުންނަކީ. މީ ދިވެހިންނަކީ. އަހަރެމެންގެ މީހުން މާ ތެދުވެރިވާނެ. އަހަރެން ކަޅަކޮއްޔާ ވިޔަސް އަހަރެންގެ އަނބިމީހާ އަކީ އަހަރެން ދޫކޮށް ދާނެ މީހެއް ނޫން. ކަލޭގެ ތިޔަ ހުރި ރީތި ކަމާ ދޮންކަމަކީ ކަލޭގެ ހަލާކު. ކަލޭ ލަންޑަން މީހަކަށް ވީމާ ފަޚުރުވެރިވެރިވެދާނެ. އެކަމަކު ރަނގަޅު ގޮތުގައި ތިބީ އަހަރެމެން. ދިމާވާހާ މީހަކާ ހިތާވެފައި ދިމާވާހާ މީހަކާއެކު ކުޅި ކުޅިވަރެއް ނުކުޅޭނެ.”
“މޮހޮމެޑްގެ ކާވެންޏަށް މަރުހަބާ. “ ޖެނީ ބުންޏެވެ. “މޮހޮމެޑްގެ އަންބަކަށް ވާކަށް އަހަރެން އެކަށީގެންނެއް ނުވޭ. އެކަން އަހަންނަށް އެނގިއްޖެ.”
އޭނާ އަހަރެން ދީފައިި ހުރި ހަދިޔާތަކާ ސިޓީތަކާ ގެނެސް ދީފިއެވެ.
އަހަރެން އެ ހިފައިގެން ދަމުން ބުނީމެވެ. “މިތަކެތި އެހެން މީހަކަށް ފެނިދާނެތީ ކަލޭ ބިރުގަތީ ދޯ؟ ކަން ބޮޑު ނުވޭ. އަހަރެން ގޮސް މިތަކެތި އަންދާލާން.”
އަަހަރެން އެނބުރި ބަލާލިއިރު ޖެނީގެ މޫނުމަތިން ފެންނަން ހުރި ނުތަނަވސްކަން އަހަންނަށް ފާހަގަވިޔެވެ. ފަރަންޖީން ނިކަން މަކަރުވެރި ވާނެއެވެ. ބައްޕަ އެބުނީ ހަމަ ރަނގަޅަށެވެ.
އަހަރެން ހައްވަ ގެންގޮސް ގެޔަށް ލާފައި އައިސް ޖެނީއަށް އަހަރެން ދިން ލިއުންތައް އަންދަން ފަށައިފީމެވެ.
އޭގެ ތެރޭގައި އަހަރެން ކުރިން ދެކެފައި ނުވާ ސިޓީ އުރައެއް އޮތެވެ. އަހަރެން ބަލާލިއިރު އެއީ ބައްޕަގެ ފަރާތުން ޖެނީއަށް ފޮނުވާފައި އޮތް ނޯޓެކެވެ.
އޭގައި އޮތެވެ. “ކަލޭ އަހަރެންގެ ދަރިފުޅު މަގުފުރައްދަން ނޫޅޭށެވެ. އަހަރެމެންގެ ގައުމު ފަސާދަ ކުރަން މަަކަރާ ހީލަތުން އަހަރެންގެ ދަރި ވާވައްދައިގެން ނޫޅޭށެވެ. ކަލޭ މިތަނުން އަވަސް ގޮތަކަށް ފުރައިގެން ދާށެވެ. އެހެންނޫނީ މުހަންމަދު ތުފައިލު އަހަރެންގެ ދަރިޔެއް ވިޔަސް ކަތިލައިލާނަމެވެ.”
މިލިއުން ފެނުމުން އަހަރެން ދެވުނުހާ އަވަހަކަށް ޖެނީގެ ގާތަށް ހިނގައްޖެއީމެވެ. އެކަމަކު އޭނާއެއް ނެތެވެ. ބަލާލިއިރު އޭނާ ފުރި ފުލައިޓް އެ ނައްޓާލީއެވެ.
އަހަރެންގެ އަތުގައި ޖެނީގެ ފޯން ނަމްބަރެއްވެސް އެޑްރެހެއްވެސް ނެތެވެ.
ރިސެޕްޝަނުން އަހަންނަށް ޖެނީގެ ސިޓީއެއް ދިނެވެ.
“އަހަރެން މޮހޮމެޑް ދެކެވީ އަސްލު ލޯތްބެކެވެ. އަހަރެން ދޮން ކޮއްޔާ އަކަސް ލަންޑަން މީހަކަސް އަަހަންނަކީ ދިމާވާހާ މީހަކާ ހިތާވަމުން އުޅޭ މީހެއް ނޫނެވެ. އަދިވެސް އަހަރެން ލޯބިވަނީ މޮހޮމެޑް ދެކެއެވެ. އަހަރެންގެ މުޅި ހަޔާތް ހޭދަ ކުރާނީ އެ ގޮތުގައެވެ. އެލޯތްބަކަށް ބަދަލެއް ނާންނާނެއެވެ. ހައްވައާއި މޮހަޮމެޑްއަށް އުފާވެރި ބާއްޖަވެރި ހަޔާތަކަށް އެދެމެވެ.
ލިބުނު ހިތާމަޔާއި މޮޅިވެރިކަން ކެތްކުރެވޭވަރަށްވުރެން ބޮޑެވެ.
އަހަރެން އެނބުރި ރަށަށް ގޮސް ހައްވަ ގާތަށް ހިނގައްޖެއީމެވެ. އޭރު ކޮންމެވެސް ފިރިހެނަކު ހައްވަގެ ކޮޓަރިން ނުކުމެގެން ދިޔަތަން އަހަންނަށް ފެނުނެވެ. އޭރު އެހެން މީހަކުވެސް ބޭރުގައި ހުއްޓެވެ. އަހަރެން ދާން އުޅެން ފެށުމުން އޭނާ ބުންޏެވެ. “ ކުރީގައި އައިސް ހުރީ މަ. ދެވޭނީ ކިޔޫ ތަރުތީބުން.”
“ކީކޭ،” އަހަރެން ހައިރާންވެފައި އަހާލީމެވެ.
“ބަލަ ކަލެއަކަށް ނޭނގޭތަ ހައްވަ ގާތަށް މީހުން އަންނަނީ ކީއްކުރަން ކަން؟ ބަލައެއީ މަޝްހޫރު ‘ފައްސަތޭކަ ރުފިޔާއަށް އެއް ޝޮޓް ހައްވައެއްނު؟ ކަލޭ އުޅެ ބޮޑުވީ މިރަށަކު ނޫންތަ؟”
އަހަރެން އެގެޔަށް ނުވަދެ އަނބުރާލައިފައި ހިނގައްޖެއީމެވެ. އަހަރެންގެ ދޮންކޮއްޔާ ކިތަންމެ ދޮނަކަސް އެ ދަރަޖައަކަށް ނުވެއްޓޭނެކަން އަހަންނަށް ޔަގީނެވެ. އަހަރެންގެ އަތުން އެގެއްލުނީ ޖަވާހިރެކެވެ. ބޭރުން ބަލާއިރު ފެންނަ ކުލައަކުން ހުންނަ ބައްޓަމަކުން ހަގީގަތެއް ނޭނގޭނެޔޭ މީހުން އެބުނަނީ ތެދެކެވެ.
އަހަރެންނަށް ވުރެން ކުރީގައި އަހަރެންގެ ގައިގައި އޮޅުލައިގެންފައި ބައްޕަ ރޮއިގަތެވެ. “ގޯސް ހެދުނީ އަހަންނަށް. އެމަންޖެއަކީ ރަނެއް. މަލެއް.”
އެކަމަކު މިއަދު ދެން ދެރަވެ ރޯނެ ކަމެއް ނެތެވެ. ހެދޭނެ ހުރިހާ ގޯހެއް ހެދި ނިމިއްޖެއެވެ. އަހަރެންގެ ދޮންކޮއްޔާ އަހަންނަށް ގެއްލި ނިމުނީއެވެ. މުށުގައި އޮތް ގުރާ ދޫވެގެން ދިޔައީއެވެ. އަހަރެންގެ ތަގުދީރުގައި އެކަން ވާން ނެތީއެވެ. އަހަރެންގެ މުޅިހަޔާތުގައި ދެން އޮތީ އެހަނދާންތަކުގައި ކަރުނަ އެޅުމެވެ. އެއީ ދުވަހަކުވެސް ހިތުން ނުފިލާނެ ފަދަ ދޮންކޮއްޔާ އެކެވެ.
ނިމުނީ.