English Edition
Dhivehi Edition

އަޖޭ ދޭވްގަން ވަނީ ފިލްމީ ދާއިރާގައި ފައިތިލަ ސާބިތު ކުރުމަށްފަހު އެތައް އަހަރެއް ފާއިތުވީ އިރުވެސް އޭނާގެ ވިދުމަށް ފަނޑުވުމެއް ނާންނަ ކުޅަދާނަ ތަރިންގެ ލިސްޓުގައި ހިމެނިފައެވެ.

މިހާތަނަށް އަޖޭ ވަނީ އެކި ކަހަލަ ރޯލު ތަކުން ފެނިގެން ގޮސްފައެވެ. ވަރަށް ސީރިއަސް ރޯލުތަކުން ފެށިގެން ހެއްވާ މަޖާ ރޯލުތަކާ ހަމަޔަށެވެ. އޭނާގެ ފިލްމް “ރެއިޑް” ، “ސިންގަމް” ، އަދި “ގޯލްމާލް” ފަދަ ފިލްމު ތަކަކީ އެތައް ބައެއްގެ ހިތް އަތުލާފައިވާ ފިލްމްތަކެކެވެ.

ކާމިޔާބީގެ ހަރުފަތްތައް ފަހަރަކު ހަރުފަތަކުން ގިރާކުރަމުންދާ މި އެކްޓަރު ވަނީ ބޮޑެތި ކާމިޔާބީ ޙާޞިލްކޮށްފައިވާ އެތައް ފިލްމްތަކުން ޖާގަ ލިބުމުން އެއަށް ނޫނެކޭ ބުނެފައެވެ. ޤަބޫލު ކުރަން ދަތި ވިޔަސް މިއީ ހަގީގަތް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފަދަ ފިލްމްތަކުގެ އެންމެ ކުރީ ސަފުގައި ފާހަގަ ކޮށްލެވޭ އެއް ފިލްމަކީ “ކަރަން އަރްޖުން” އެވެ. ބުނެވޭ ގޮތުގައި އެ ފިލްމްގައި ޝާހްރުކް ޚާންގެ ބޭބެގެ ރޯލަށް ފުރަތަމަ ހަމަޖައްސަން ވާހަކަ ދެކެވުނީ އަޖޭ އާއެވެ. އެހެން ނަމަވެސް ފިލްމްގެ ޑައިރެކްޓަރު ރާކޭޝް ރޯޝަން އާއި އަޖޭ އާއި ދެމެދު އޮތް ޚިޔާލު ތަފާތުވުމެއްގެ ސަބަބުން އަޖޭ އެފިލްމް ދޫކޮށްފައިވާ ކަމަށް ވެއެވެ.

އަޖޭ ނޫން ބުނެފައިވާ މަޝްހޫރު ވެގެން ދިޔަ ފިލްމްތަކުން ދެން ފާހަގަކޮށް ލެވެނީ ޔަޝް ޗޯޕްޅާގެ ފިލްމް”ޑަރް” އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ފިލްމްގައި ރާހުލްގެ ރޯލަށް ފުރަތަމަ ހަމަޖައްސަން އުޅުނީ އަޖޭއެވެ. އެހެން ނަމަވެސް އެ ވަގުތު އެހެން ފލްމެއްގެ ޝޫޓިންގ އަށް އޫޓީގައި އަޖޭ ޙަރަކާތްތެރި ވަމުން ދިޔުމުގެ ސަބަބުން އޭނާވަނީ އެ ފިލްމަށް ނޫނެކޭ ބުނެފައެވެ. އެއަށްފަހު ޔަޝްވަނީ ޝާހްރުކް ޚާން އެ ފިލްމަށް ހަމަޖައްސާފައެވެ. އެ ފިލްމް ވެގެން ދިޔައީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެތައް ބައެއްގެ ހިތް އަތުލި ފިލްމަކަށެވެ.

ސަންޖޭލީލާ ބަންސާލީގެ ފިލްމް ” ބާޖީރާއޯ މަސްތާނީ” ގެ ލީޑްރޯލަށް ވެސް ފުރަތަމަ ހުށަހެޅުން ލިބުނީ އަޖޭއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކުރީގެ ފިލްމް ތަކެކޭ އެއްގޮތަށް އަޖޭ ވަނީ އެ ފިލްމް ވެސް ދޫކޮށްލާފައެވެ. އޭގެ ފަހުން އެ ފިލްމް ކުޅެފައިވަނީ ރަންވީރް ސިންގް ، ދީޕިކާ ޕަޑުކޯން އަދި ޕްރިޔަންކާ ޗޯޕުޅާއެވެ.

އަޖޭ ވަނީ ކާޖަލް އާއިއެކު ރީތި ފިލްމްތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި “ޕިޔާރްތޯ ހޯނާހިތާ”، “އިޝްގް”، އަދި “ރާޖޫ ޗާޗާ” ފާހަގަކޮށްލެވެއެވެ. ކާޖަލް އެ ފިލްމަކުން ފެނިގެން ދިޔަ މަޝްހޫރު ފިލްމެއް ކަމަށްވާ “ކުޗްކުޗް ހޯތާހޭ” އަކީ ލިބުނު ފުރުސަތުގެ ތެރެއިން އަޖޭ ގެއްލުވާލި ފިލްމްތަކުގެ ލިސްޓަށް އިތުރުކޮށްލެވޭ ފިލްމެކެވެ.މި ފިލްމަކީ 90ގެ އަހަރުތަކުގައި ނިކުތް ފިލްމްތަކުގެ ތެރެއިން ބޮޑުކާމިޔާބެއް ޙާސިލްކުރި ފިލްމެކެވެ.

ކޮންމެ ގޮތެއްވި ކަމުގައި ވިޔަސް ފިލްމްތަކަކަށް ނޫނެކޭ ބުނެފައި ވިޔަސް އަޖޭ ވަނީ އެތައް ކާމިޔާބު ފިލްމެއް ކުޅެ ބެލުންތެރިންނަށް ގެނެސްދީފައެވެ.