އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ސ. އަތޮޅު ބުރުގެ ފަހު މެޗުގައި އިއްޔެ މަރަދޫ ބަލިކޮށް ހިތަދޫ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އިއްޔެ ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ހިތަދޫ އިން މަރަދޫ ބަލިކޮށްފައިވަނީ 3-1 ލަނޑުގެ ނަތީޖާ އަކުންނެވެ.
މިމެޗުން 3-0 ލަނޑުން ހިތަދޫ ބަލިކޮށް ފައިނަލަށް ދެވެން ފުރުސަތު އޮތް މަރަދޫ އިން ވަނީ މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ހިތަދޫ އިން ވަނީ މިމެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި މުހައްމަދު ރަޝީދް ކާމިޔާބު ކޮށްދިން ލަނޑުން ހާފް ނިމުމުގެ ކުރިން މެޗުގެ ލީޑު ނަގާފައެވެ.
މިމެޗުގެ ފުރަތަމަ ހާފް 1-0 ލަނޑުން ހިތަދޫ ނިންމާލި ނަމަވެސް ހިތަދޫ އިން ވަނީ ދެވަނަ ހާފްގައި މުޅި މެޗު ކޮންޓުރޯލް ކޮށްގެން ކުޅެ އިތުރު ދެ ލަނޑު ޖަހައި ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މިމެޗުގައި ހިތަދޫ ޓީމްގެ ދެވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓްގައި ހަސަން މިފްރާހް ކާމިޔާބުކޮށްދިން އިރު އެ ޓީމްގެ ތިން ވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ސައީދެވެ.
އިއްޔެގެ މެޗުގައި މަރަދޫ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ހަސަން އަތޫފްއެވެ.
މިނަތީޖާ އާއި އެކު އެސްޓީއޯ މިނވަން ޗެމްޕިއަން ޝިޕްގެ ފައިނަލްގައި މިމަހުގެ 4 ވަނަ ދުވަހު ހިތަދޫ އާއި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫއެވެ. ފޭދޫ އާއި ހިތަދޫ ގުރޫޕް ސްޓޭޖްގައި ބައްދަލު ކުރި މެޗުން ފޭދޫ ވަނީ 1-0 ލަނޑުން ކާމިޔާބުކޮށްފައެވެ.