ޕީޕީއެމުން ވަކިވެގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދެވީ ނުފުއްދޭ ވަރުގެ ޝަރުތުތައް ކުރައްވަމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރުމަށް އެޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ދާދިފަހުން ޕީޕީއެމްއިން ވަކިވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރާ ބެހޭ ގޮތުން ކުރީގެ ނާއިބު ރައީސް އަދީބު ކޯޓަށް ފޮނުވައިފައިވާ ސިޓީއާ ގުޅިގެން ނާޒިމް ދޫކޮށްލުމަށް ވިދާޅުވެފައި ކަމަށެވެ. އެކަން ކުރައްވާނީ ރައީސަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ކުރައްވައިގެން ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް އރައިސް ވިދާޅުވިއެވެ. “އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާފައި ހުރި ކަންކަން، އެގްޒެކެޓިވް ބާރު ބޭނުންކޮށްގެން އެ ނިންމުން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން،” ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަދީބު ސްޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅިގެން ނާޒިމްގެ ވަކީލުން ސްޕްރީމް ކޯޓަށް ވަޑައިގެން އެމައްސަލަ އަލުން ހުޅުވައި ދެއްވާތޯ ހުށަހެޅުއްވިދާނެ ކަމަށެވެ. އެކަމަކީ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެފަދަ ޝަރުތުތައް އެމަނިކުފާނާ ކުރިމަތި ކުރެއްވުމަށްފަހު ކުރިން އެމަނިކުފާނާއެކު މަޖިލީހުގައި މަސައްކަތް ކުރެއްވި މެންބަރުން އެމަނިކުފާނާ ވަކިވިޔަސް ކުރެވޭނެ ކަމެއްނެތް ކަމަށެވެ. އެމަނިކުފާނު ކަންކަން ކުރައްވަން ބޭނުންފުޅުވަނީ އުސޫލުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.