ރާއްޖެޓީވީއަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުގެ މައްސަލައެއް ބައްލަވަމުން ނުދާ ކަމަށް ބްރޯޑްކޮމް އިން ހާމަކޮށްފިއެވެ. މިކަން ބްރޯޑްކާސްޓިން ކޮމިޝަނުން ހާމަކޮށްފައިވަނީ ރޭ އެކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ ޓީވީން މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ގެނެސްދިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިންޓަވިއުއެއްގެ މައްސަލަ އެކޮމިޝަނުން ބަލަމުން އަންނަ ކަމަށްބުނެ މީޑިއާގައި ފަތުރަމުންދާ ޚަބަރަކީ ‘ފޭކް ނިއުސް” އެކެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި އެފަދަ ދޮގު ޚަބަރުތައް ފަތުރަނީ އެކޮމިޝަންގެ އަގު ވައްޓާލައި ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދަން ކަމުގައި ބެލެވޭ ކަމަށެވެ. އަދި ކޮމިޝަނުން ކުރި ޓްވީޓްގައި މީޑިއާގައި ދޮގު ޚަބަރު ނުފެތުރުމަށާއި، ޚަބަރު ފަތުރާއިރު ކަމާބެހޭ ހުރިހާ ފަރާތެއްގެ ބަސް ހިމެނުމަށާއި ޒިންމާދާރުކަމާއެކު ޚަބަރުތައް ހެދުމަށް ނޫސްވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ
ބްރޯޑްކާސްޓިން ކޮމިޝަނުން މިޓުވީޓުކޮށްފައި މިވަނީ ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުނަސް ތަންފީޒު ނުކުރާނެ ކަމަށް ބަންޑާރަ ނާއިބު މުހައްމަދު އަނިލްއާއި ސަލާމަތީ ޚިދުމަތްތަކުން ބުނުމުން އެކަމަށް ރައްދު ދެއްވައި ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ އެކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށް އިއްޔެ މީޑިއާތަކުގައި ޚަބަރު ފެތުރުމާ ގުޅިގެންނެވެ.