English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މަހު 22 ގައި ހައްޔަރުކޮށް ފަހުން ބަންދުގެ މުއްދަތު ޖަހާފައިވާއިރު މަހްލޫފްގެ ބަންދުގެ މުއްދަތު މިރެއަށް ހަމަވާނެއެވެ. މުއްދަތަށް މަހުލޫފް ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ މިއަދު 15:00 އަށެވެ.

މަހުލޫފް މިއަދު ކޯޓަށް ހާޒިރު ކުރާއިރު ޖުމްލަ ހަތަރު ދައުވާއެއް މަހުލޫފްގެ މައްޗަށް މިހާރުވަނީ އުފުލާފައެވެ.

މަހްލޫފްގެ މައްޗަށް މިހާރު އުފުލާފައި ވާ ހަތަރު ދައުވާ އަކީ، މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އާއި ދޮގު މައުލޫމާތު ހިމެނޭ ގޮތަށް ކޮށްފައިވާ ދެޓްވީޓް އަކާއި ގުޅިގެންނާއި މުޒާހަރާގެ ބައިވެރިންނަށް މާސްކް ބެހި މައްސަލައަކާ އެކު މިހަތަރު ދައުވާ އެވެ.

މާސްކުބެހި މައްސަލާގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ ކަރުނަގޭހާއި ޕެޕަސްޕަރޭއިން ސަލާމަތް ވުމަށް ބޭނުންކުރާ މާސްކު މުޒާހަރާގެ ބައިވެރިންނަށް ބަހިކަމަށް ބުނާ މައްސަލައެއްގައެވެ.

ޓްވީޓްގެ މައްސަލާގައި މަހްލޫފް ގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަރާލަން ރާވަމުންދާކަމަށް ބުނެ ކުރި ޓްވީޓަކާއި ޖަލުގައި ގައިދީން މަރުވުމާއި ގުޅޭ ގޮތުން ކުރި ޓްވީޓެއްގެ މައްސަލައެއްގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހްލޫފް މިހާރު ވެސް ހުރީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ދައުވާ ކުރާ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ވެސް ނެރެފައެވެ.