English Edition
Dhivehi Edition

އަވަ އެފްޓީގެ ކެޕްޓަން ފާތިމަތު އަލްމާއަށް ލިބުނު ސްރީލަންކާގެ ދެކޮޅު ޓިކެޓް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ހަދިޔާކޮށްފިއެވެ. ގޯދިއްޔާ ފުޓްސެލް ކަޕްގައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިގެން އަލްމާއަށް ލިބުނު ޓިކެޓް ހަދިޔާކޮށްފައިވަނީ ސ.މީދޫ ރޯނުގެ އިބްރާހިމަ ޒައުލްއަށެވެ. ސްރީލަންކަން އެއާލައިނުގެ ކޮލަމްބޯ ދެކޮޅު ޓިކެޓް ލިބުމުން އަލްމާ ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ނުވަތަ ބޭސްފަރުވާއަށް ލަންކާއަށް ދިއުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތަކަށް އެ ހަދިޔާ ދިނުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އަދި ދެކޮޅު ޓިކެޓް ބޭނުންވާ ފަރާތްތަކުން، ތަފްސީލު އަވައެފްޓީގެ އީމެއިލަށް ފޮނުވައި ދިނުމަށްވެސް ވަނީ އެދިފައެވެ. އައްޑޫގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަލްމާ، ޒައުލްއަށް ޓިކެޓް ދޭން ނިންމީ ޓިކެޓަށް އެދި ހުށެހެޅި ފަރާތްތަކުގެ ތެރެއިން އެންމެ އަވަސް ފަރުވާއެއް ބޭނުންވާ ފަރާތަކީ ކޮބައިތޯ ބެލުށްފަހުގައި ކަމަށް އަވައެފްޓީއިން ވަނީ ބުނެފައެވެ. އަދި އެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޒައުލްއަކީ މިވަގުތު އެހީ ބޭނުންވެފައިވާ އެންމެ ހަގު ފަރާތްކަމުގައި އެ ޓީމުންވަނީ ހާމަކޮށްފައެވެ. ޒައުލް އަށް ދިމާވެފައިވާ ސިއްހީ މައްސަލައަކީ، ސިކުނޑި ކައިރީގައި އުފެދުނު ސިސްޓެއްގެ ސަބަބުން ސިކުނޑީގެ ނާރުތައް ރަނގަޅަށް އުފެދިފައި ނެތުމުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ޒައުލްވަނީ ސިއްޙީ އެތައް މައްސަލަތަކަކާއި ކުރިމަތިވެފައެވެ. ފައިތިލަ އެނބުރި އަތުގެ އިނގިލިތައް ނުހުޅުވޭ އިރު ސިކުނޑި ބޮޑުވާން ވާ ވަރަށް ބޮޑުވެފައި ނެތެވެ. އަދި މި ހުރިހާ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ދުވާލަކު އެތައް ފަހަރު ޒައުލް ފިޓްޖެހުމުންދެއެވެ.