އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީ މީދޫ ޗޭނު ޖަމިއްޔާ އިން ކަނބަލުންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ބާއްވައިފިއެވެ
ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މާޗް 23 ވަނަ ދުވަހު ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވާފައިވާއިރު 24 މާޗްގައި ވަނީ އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ހަރަކާތެއް ބާއްވާފައެވެ. ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން ބަހުގައި ރަށުގެ އެކި ސަރަހައްދު ދައްކާލުމުގެ ގޮތުން ވަނީ ދަތުރުކޮށްފައެވެ. މި ގޮތުން ހެރަތެރަ ޗެނަލް، ފެންޕްލާންޓް އަދި އިސްމެހެލާ ހެރަފަދަ ތަންތަންވަނީ ދައްކާލާފައެވެ
24 ވަނަ ދުވަހު ބޭއްވި ހަރަކާތުގައި އޭރާއި މިހާރުގެ ދިރިއުޅުމާއި ބެހޭ ގޮތުން ވާހަކަދެއްކުމާއި ދޮށީ އުމުރުގެ މީހުންގެ ދިރިއުޅުމުގެ މުހިއްމު ވާހަކަތައްވަނީ ހިއްސާކޮށްފައެވެ. ކާޑުގޭ ޕާކްގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ދުވަހާއި ގުޅޭ ޝިއާރުތަކާއި ކަނބަލުންނަށް ހާއްސަ މެސެޖްތައް ހިމެނޭ ބޯޑްތައް ވަނީ ޕާކްގެ އެކި ސަރަހައްދުގައި ބަހައްޓާފައެވެ
27 އަދި 28 މާޗްގައި ޝަމްސުއްދީން ސްކޫލުގެ ބެލެނެވެރިންނަށް ހާއްސަކޮށްގެން ޕޭރެންޓް ސްކިލް ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ ‘ޝީ’ އިން ވަޑައިގެންނެވި ކަމުގެ ތަޖްރިބާކާރެކެވެ. މި ހަރަކާތުގައި ބެލެނެވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި އެކު ގިނަ މައުލޫމާތު ތަކެއް ވަނީ ބެލެނެވެރިންނާއި ހިއްސާކޮށްފައެވެ
މި ހަރަކާތާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޗޭނު ޖަމިއްޔާގެ ފަރާތުން ރަޝީދާ އިބްރާހީމް ވިދާޅުވީ ޗޭނު ޖަމިއްޔާގެ މަގްސަދަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށާއި މި ފަދަ ކޮންމެ ހަރަކާތެއްގެ މަގްސަދަކީ މުޖްތަމައުގައި އަންހެނުންގެ އިސްނެގުން އިތުރުކޮށް އަންހެނުންނަށް ގިނަ ފުރުސަތު ތަކެއް ހޯދައި ދިނުންކަމަށެވެ. އަދި މި އަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ރަޝީދާ ވިދާޅުވިއެވެ
ޗޭނު ޖަމިއްޔާއިން މީދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ އިރު އެ ޖަމިއްޔާއިންވަނީ މިދިޔަ އަހަރު ކަނބަލުންނަށް ހާއްސަކޮށްގެން ބަހުސް މުބާރާތެއްވެސް ބާއްވާފައެވެ