English Edition
Dhivehi Edition

ކޮތަރު ގެނެސްދިން ލޯބިބެލްކަނީއަށް ނުކުމެވުމާއެކު ފަތިހުގެ ތާޒާ ވައިރޯޅިއައިސް އަހަރެންގެ ދިގު ދަތުރުގެ ވަރުބަލިކަން ފިލުވައިލަދިނެވެ. އަހަރެން މީގެ 3 އަހަރު ކުރީގައި ކިޔަވަން މެލޭޝިއާ އަށް ދިޔައިރު މިހިސާބަކު މިހާ ގިނަ އުސް އިމާރާތްތަކެއް ނެތެވެ. މިހާރު މިތަން މިވަނީ ފުރިގެން ވަށައިގެން ބެދޭ ހިސާބަށްގޮސްފައެެވެ. އަތްޖެހޭ ހިސާބުގައި ހުރި އުސް އިމާރާތުގެ މީހުން މިހާރު ހޭލަމޭލަވެ އުޅެން ފަށައިފިއެވެ. އަހަރުތަކެއް ވޭތިކޮށްފައި މާލެއާދެވުމުން އަހަރެންވެސް މާލެއަށް އައިސްފައިވާ ބަދަލުތައް ބަލައިލާން ބޭނުވިއެވެ. އެހެންނަމަވެސް ފަސްވަނަ ބުރީގެ ބެލްކަނީއެއްގައި ހުރެ ވަށަައިގެންވާ ދިހަ ބާރަބުރީގެ އިމާރާތްތަކުގެ ފުރަގަހުން ބަލާނީ ކޮންތަނެއް ހެއްޔެވެ؟ ފެންނާނީ ހައްތާވެސް ކޮންކްރީޓް އިމާރާތްތަކާއި ކުޑަދޮރުތަކެވެ.

އެވަގުތު އަހަރެންގެ އެއް އަރިމަތިން ފިޔައެއްގެ ވައިކެފިގެން ދިޔަ އަޑު އިވިގެން ދިޔައެވެ. އަހަރެން ބަލައިލިއިރު ބެލްކަނީގެ ފާރުބުރިމަތީ ޖައްސާފައި އިނީ ހުދު ކޮތަރެކެވެ. ކުރީގައި މިކަހަލަ ކޮތަރުތަކެއް އަހަރެން މާލޭން ދުށް ހަނދާނެއް ނުވިއެވެ. އެހެންވެ އަހަރެން އެ ކޮތަރު ކައިރިން ބަލައިލަން އެ ދިމާއަށް ދާން ފެށުމުން އޭތި އުދުއްސައިގަތެވެ. އޭތި ގޮސް ޖެއްސީީ ޖެހިގެން ހުރި އިމާރާތުގައި އެއްޗެހި ހިއްކަން ހަދާފައިވާ ފަންގިފިލައެއްގެ ދާރަ މަތީގައެވެ. އެވަގުތު އެތާ އެއްޗެހި ހިއްކަން އަޅަން ހުރި ކުއްޖެއްގެ އިސްތަށިގަނޑު އަހަންނަށް ފެނިއްޖެއެވެ. އަހަރެންގެ ޝައުގުވެރިކަން ކޮތަރުން ނެއްޓި އެކުއްޖާއަށް ހުއްޓިއްޖެއެވެ. އޭނާ ހެދުންތަކާއި ދޮވެފައި ހުރި ތަކެތި ހިއްކަން އެރޯނުގައި އެޅިއެވެ. އަދި ވަރަށް އަވަސްކޮށްލާފައި ދާން ހިނގައިގަތެވެ. އެކަމަކު އެވަގުތު ކޮތަރު ގޮވާލުމުން އޭނާ އެނބުރި އެދިމާއަށްބަލާލިއެވެ.

އެއީ އަހަންނަށް އޭނާގެ މޫނު ސާފުކޮށް ފެނިގެން ދިޔަ ވަގުތެވެ. އެއީ މޫނެއް ހެއްޔެވެ؟ އަހަރެންނަށް ނޭވައެއް ލާކަށްވެސް ނޭނގުނެވެ. އެއީ ސާދަވިލޭރޭގެ ހަނދު ނޫންހެއްޔެވެ؟ އެހާ ރީތި ނޭފަތަކާއި ތުންފަތެއް އެހާ ދޮން މޫނެއްގައި ވަނިކޮށް އަހަރެން މީގެ ކުރީގައި ދެކެފައެއް ނުވެއެވެ. އެއީތޫނު ދެލޮލެވެ. އަހަންނަށް ނޭވައެއް ލާންވެސް ހަނދާނެއްނެތެވެ.

ހޭވެރިކަންވީ އަހަރެންގެ އަތުގައި އޮތް ފޯނު ވެއްޓި ޖެހުނު އަޑަށެވެ. ފޮޓޯއެއް ނެގުނުނަމައޭވެސް ހިތަށް އެރިއެވެ. އެކަމަކު އެވަގުތަކު އަހަރެންގެ ކިބާގައި އެވަރުގެ ހޭވެރިކަމެއް ނެތެވެ.

މުޅިރޭ ނުނިދާ ހުރެގެން ފަތިހު އެތަނަށް ނުކުމެއްޖެއީމެވެ. އާދަވެގެން އެއީ އަހަންނަށް އެންމެ ގަދަޔަށް ނިދޭ ވަގުތުވެސްމެއެވެ. އަހަރެން މިއަދު އައީ ވަރަށް ތައްޔާރުވެގެންނެވެ. އަހަރެންގެ ކެމެރާގައި ދިގު ޒޫމްލެންސެއް ވެސް ޖަހައިގެންނެވެ. އަހަރެން ކެމެރާތެރޭން ނުހަނު ހުޝިޔާރުކަމާއެކު ފޯކަސް ކޮށްގެން ހުރީމެވެ. ފަތިސްނަމާދަށް ބަންގި ގޮވީ ވެސް އެހަރެން އެތާ ހުއްޓައެވެ. އަހަރެންގެ ހިތަށް އެރީ މިއަދު އޭނާގެ އެރީތި މޫނު އަހަރެންގެ ހަނދާނުގެ އަލްބަމަށް ނުލައި ދުލެއް ނުކުރާނަމެވެ. އެހެންވެ ކަޅިޖަހާނުލާއި އަހަރެން ބަލަން ހުރީމެވެ. އެންމެފަހުން އެ ފެންޑާއަށް ނުުންނަން ހުންނަ ދޮރު ހުޅުވުނު އަޑު އަހަންނަށް އިވިއްޖއެވެ. ނަސީބު މިއޮތީ އަތުގައި ހިފާފައެވެ. އަވަހަށް ކެމެރާތެރޭން އެތަނަށް ފޯކަސްކޮށް ޒޫމް ކޮށްފީމެވެ. އޭނާގެ ސޫރަ ކެމެރާއަށް އެރުމުގެ ކުރީގައި އަހަރެން ނަގަން ވެސް ފަށައިފީމެވެ. އަހަންނަށް އޭނާ ސާފުކޮށް ފެނުނުވަގުތު އަަހަރެން އަނގަވަތަށް ނުވެއްޓުނީ ކިރިޔާއެވެ. އެކެމެރާގެ ލެންސް ފުރެންދެން އަރާފައި ހުރީ އެމޫނެވެ. އާނއެކެވެ. އޭނާގެ ބައްޕަގެ މޫނެވެ. އޭނާ ހުރީ ނަމާދު ތާކިހާ އަޅާފައެވެ. އޭނާ ތުންތަޅުވަމުން ދިޔައެވެ. އަދި އަހަރެން ޒޫމްކޮށްފަ ހުރިވަރުން ހީވަނީ ކެމެރާ ތެރޭން އަހަރެންގެ މޫނަށް ކުޅުވެސް ބުރިހެންނެވެ. އޭނާ ރުޅިވެރިލޯ އަހަރެން ސިއްސުވާލިއެވެ. އަހަރެން އަތުން ކެމެރޭ ދޫނުވީ ކިރިޔާއެވެ. އަވަހަށް އަހަރެން އެއްކައިރިއަކަށް ޖެހި ނިވާ ވެއްޖެއީމެވެ. އޭނާ ކޮތަރުތަކަށް ކާންދީފައި ހިނގައްޖެއެވެ.

އަހަރެން ހުރީ މިއަދު އެތަނުން ދާގޮތަކަށް ނޫނެވެ. އެކުއްޖާގެ މޫނު ބަލައިނުލާ މެންދުރުވިޔަސް ނުދާން ނިންމައިގެންނެވެ.

އިރުއަރައި ގަދަ ހޫނު އަވިދޭން ފެށީމާ އަހަރެން އެއްފަރާތު ހިޔަލަކަށް ޖެހިލީމެވެ. ކެމެރާ ފާރުބުރިމަތީ ބާއްވާފައި އަހަރެން ޓީޝާޓުން ދާފުހެލިތަނުން އަހަރެންގެ ބޯމައްޗަށް އެއްޗެއް ވެއްޓިއްޖެއެވެ. އަހަރެން ބަލައިލިއިރު އެއީ ރަތްކުލައިގެ ބުރާއެކެވެ. އޭތި ވެއްޓުނީ ކޮންތާކުން ބާވައެއެވެ. މަތިބުރީގައި ހިއްކަން އަޅާފައި ހުރިތަނުން ވެއްޓުނު އެއްޗަކަށް ވެދާނެއެވެ. އަހަރެން އެނބުރި ބަލައިލިއިރު އެދިމާއިން އެއްކަލަ ހުދު ކޮތަރު އުދުހިގެން ދިޔައެވެ. ދެން އަހަންނަށް އިވުނީ އަންހެން ކުއްޖެއްގެ އަޑުން ،” އޭ ކޮތަރާ. ތީތި ގެނޭ،” މިހެން ބުނިއަޑެވެ.

އަހަރެންނަށް ފެނުނީ ދާދި ކައިރީގައި އަތްޖެހޭ ހިސާބުގައި އެއްކަލަ އަންހެން ކުއްޖާ ހުރިތަނެވެ.

“ކޮތަރާ ގެނޭ.” އޭނާ ރުޅިއައިސްފައި ބުންޏެވެ. އެކަމަކު އެއެތި މިއޮތީ އަހަރެންގެ އަތުގައެވެ. އަހަރެން ކޮތަރަށް ބަލާލީމެވެ. “އޭ މިހިރަމީހާ!” އަހަރެން އަވަހަށް އޭތި ދިއްކޮށްލީމެވެ. އެކަމަކު އިމާރާތް ކިތަންމެ ކައިރިއަކަސް ފޯރާވަރެއް ނުވިއެވެ. އަހަރެން އަވަހަށް އެތާ އަހަރެން ބެހެއްޓި ކެމެރާ ސްޓޭންޑްގެ ކޮޅުގައި އޭތި ހަރުކޮށްފައި ދިއްކޮށްލީމެވެ. އޭނާ އޭތި ދަމައިގަންނަމުން ބުންޏެވެ.

“ ހުނ. އަމުދަކުން މަގޭ އެއްޗެއްވެސް ނޫން މީކީ.” އޭނާ ތުން އަބުރާލާފައި ލޯއަޅާލާފައި ހިނގައިގެންފިއެވެ.

އަހަރެން ހަދާނެގޮތް ހުސްވ ގަނޑުވެފައި ހުރީމެވެ. މިއަދަކުވެސް އޭނާގެ ފޮޓޯއެއް އަތުޖެހޭނެ ގޮތެއް ނުވިއެވެ.

މިހާރު އަހަރެންނަށް މިވަނީ ފަތިހު ހޭލަން އާދަވެފައެވެ. ގޭމީހުން ތިބެނީ ހައިރާންވެފައެވެ. ނިދާލެއް އަވަސްކަމުންނެވެ. ފަތިހު ގޮވާ ފުރަތަމަ ހާލާއެކީ ހޭލާތީއެވެ. އަނެއްކާ އަހަންނަށް ކަމެއްވީ ބާވައޭ އެމީހުން ސުވާލު ކުރަންފަށައިފިއެވެ. ޑޮކްޓަރަކަށް ދައްކަން މަޝްވަރާ ކުރަން ވެެސް ފަށައިފިއެވެ.

ކޮންމެ ދުވަހަކު އެކުއްޖާ އަންނަ ގަޑިއަށް ކޮތަރު އައިސް އިނދެއެވެ. އެއްދުވަހަކު އަހަންނަށް ފެނުނީ ކޮތަރުކުގެ ފައިގަ ކަރުދާސްކޮޅެއް ބަނދެފައި އިންދައެވެ. އަހަރެންވީ އުފަލެއް ބުނާކަށް ނޭނގުނެވެ. އޭގައި އޮތީ ފޯނު ނަމްބަރެކެވެ. ތިރީގައި ލިޔެފައިއޮތީ “އީދާ” އެވެ.

އިމާރާތުގެ ފަސްވަނަ ބުރިން އަހަންނަށް ފުންމާ ނުލެވުނީ ކިރިޔާއެވެ. އަހަރެން ބަލައިލިއިރު އީދާ ބަލަން ހުރިތަން އަހަންނަށް ފެނުނެވެ. އަދި ރަކި ހިނިތުންވުމަކާއެކު ދުވެފައިގޮސް އެތެރެއަށް ވަދެއްޖެއެވެ.

އެއީ އަހަރެމެންގެ ލޯބީގެ ފަސާނާ ފެށުނު ހިސާބެވެ. އަބަދުހެން އަހަރެމެން ތިބެނީ ފޯނުން ގުޅައިގެންނެވެ. ނޫނީ ބެލްކަނީއަށް ނުކުމެ އަތްލެވޭ ނުލެވޭ ހިސާބުގައެވެ. އަހަރެން ބޭނުންވަރަކަށް މިހާރު އޭނާގެ ފޮޓޯ އަހަންނަށް ނެގެއެވެ.

އޭރު އެތަނަށް ކޮންމެ ދުވަހަކު އަންނަ ކޮތަރާއެކު އެހެން ކޮތަރެއްވެސް އަންނަން ފަށައިފިއެވެ.

އަހރެމެން އެއްބަސްވީ ކޮތަރުތައް ހަދާ އެއްޗެއް ހެދުމަށެވެ. އެހެންކަމުން ބަލަން ތިއްބާ އަންހެން ކޮތަރު އުދުހިގެން ހިނގައްޖެއެވެ. ދެން އެއާއެކު އީދާވެސް ދުވެފައި ގެޔަށް ވަދެއްޖެއެވެ.

ދެމީހުންނަށް ވެސް ނުހަނު ފަސޭހައިން އެއްއިމާރާތުން އަނެއް އިމާރާތަކަށް ގޮސް އައިސް ހެެދެއެވެ. އެހެންނަމަވެސް ކޮތަރުތައް އުޅޭ ގޮތަކުން އަހަރެންނަށް ކުޑަވެސް ފުރުސަތެއް ލިބޭނެ ގޮތެއް ނުވިއެވެ. އެހެންވެ އަހަރެން މަޅިއެއް ޖަހައިފީމެވެ. މިއަދަކު އީދާއަކަށް އެގޮތަކަށް ނުބެޗޭނެއެވެ.

މިއަދު އެހެން ދުވަސްދުވަހާ ޚިލާފަށް ދެކޮތަރު މިތިބެނީ ގާތްގާތުގައެވެ. އެހެންވެ އަހަރެން ވެސް އީދާއާ ގާތަށް ޖެހިލީމެވެ. މިހެން ހަދަން ފެށުމުން އީދާ ހާސްވެ ދާހިއްލަން ފަށައިފިއެވެ. އެހެން ދުވަސްދުވަހު ދެ ދޫނި ތި ތިބެނީ ދުރުގައެވެ. މިއަދު ކޮތަރުތައް އެޖެހެނީ އެކަތި އަނެއްކެއްޗާ ހައްތާ ގާތަށެވެ. އަހަރެންވެސް ލިބުނު ފުރުސަތާއެކު އީދާއާ ގާތަށް ޖެހެމުން ދިޔައިމެވެ. އެދޭތި މާ ކައިރި ބޮޑުވެ އީދާއަށް ކެތްނުވާ ހިސާބަށް ދިއުމުން އޭނާ ގާކޮޅެއް އެއްލާލިއެވެ. އަންހެން ކޮތަރު އުދުއްސައިގަންނަން އުޅުނުވެސް މެއެވެ. އެކަމަކު ނުއުދުހެވުމުން އީދާއަށް އަހަރެންގެ މަކަރު ވިސްނިއްޖެއެވެ. އޭނާ ގޮސް ކޮތަރުގައި އަހަރެން އައްްސާފައިވާ ހިމަ ކަންވާރުފަށް ނައްޓާލުމުން އެދޭތި އުދުއްސާލިއެވެ. އީދާ އަހަންނަށް ލޯއަޅާފައި “ޗީޓާއޭ” ގޮވާލިއެވެ.

އަަހަރެން ހީކޮށް ހުރީ ދެން އީދާ ނާންނާނެ ކަމަށެވެ. އެހެންނަމަވެސް ކޮތަރު އައިސް ތިބޭތީ އޭނާއަކަށް ދެއްކޭނެ ބަހަނާއެއް ނެތެވެ. މިހާރު ކޮތަރުތައް ކައިރި ބޮޑުވަމުންދަނީ އޭގެ އަމިއްލަ އިޚްތިޔާރުގައި ވެސް މެއެވެ. އަހަރެމެންގެ ލޯބި ވެސް އެގޮތުގައި ކުރިޔަށް ދިޔައެވެ. އަހަރެމެންނަށް މަގުދައްކާދެނީ އެކޮތަރުތަކެވެ. އެމަގުން އަހަރެމެން ވެސް ކޮތަރު ޖޯޑުގެ ހަރަކާތްތަކާ އެއްވަރަކަށް ގުޅުން ކުރިޔަށް ގެންދިޔައިމެވެ.

ދުވަސްތަކެއްގެ ފަހުން ކޮތަރު ބިސްއަޅަން އުޅޭ ކަމުގެ ނިޝާން ފެންނަން ފަށައިފިއެވެ. ހާލި ހަދަން ގޮފިކޮޅުތައް އެއްކުރަން ފަށައިފިއެވެ.

އީދާ ވަރަށް ބިރުގެންފިއެވެ. އޭނާގެ ބަޑުގައި އަތް ޖައްސާލިއެވެ.

އެއާއެކު އަހަރެމެންނަށް މިދެވެނީ މާދުރަށްކަން އޭނާއަށް ވިސްނިއްޖެއެވެ. އެހެންކަމުން އޭނާ ފަސްޖެހެން ފަށައިފިއެވެ.

ކާވެންޏަކާ ދިމާއަށް އަހަރެމެން ދެމީހުންވެސް އަވަސްގޮތަކަށް މިސްރާބު ޖަހަން މަޖްބޫރުވެއްޖެއެވެ.

މިހާރަކަށް އައިސް ދެކޮތަރުވެސް ހާލި ހެދުމުގައި އަވަދިނެތި އުޅޭތީ އެތަނަކަށް ނާދެއެވެ. އަހަރެމެން ދެމީހުންވެސް ތިބެން ޖެހުނީ ތަންކޮޅެއް ދުރުގައެވެ.

އެއްދުވަހަކު އަހަންނަށް ފެނުނީ އީދާގެ ބައްޕަ އެ ދެކޮތަރު ކޮށްޓަކަށް ލައިގެން ތިރިއަށް ގޮސް މީހަކަށް ކޮތަރު ކޮށި ދިއްކޮށްލިތަނެވެ. އެމީހާ ފައިސާދިނުމުން އެއަކުވެސް ނުހިފިއެވެ. އޭނާ ބުންޏެވެ. “މިއުޅެނީ މިދޭތީގެ އުނދަގޫ މާބޮޑުވެގެން. “

އޭގެ 5 އަހަރުފަހެވެ. އަހަރެން ހޯދަމުން ދިޔައީ އެކޮތަރު ފެނޭތޯއެވެ. ލޮނުޒިޔާރަތްކޮޅުން، ވިލިނގިލިން، ހުޅުމާލޭން ނުވިތާކުން ތިލަފުށީންވެސް މެއެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ އީދާ ވާނީ ކޮތަރު ވީތާކުއެވެ. ފޯންވަނީ ކަނޑާލެވިފައެވެ. އެންމެ ކުޑަމިނުން އެމީހުންގެ ރަށަކީ އަދި އާއިލާއަކީ ކޮބައިކަންވެސް އަހަންނަކަށް ނޭނގެއެވެ.

އަހަރެން ކިތަންމެ ފަތިހަކާ ހޭލިޔަސް ކިތަންމެ ގިނައިރަކު ގަދަ އަވީގައި އިންތިޒާރު ކުރިޔަސް އީދާއެއްވެސް ކޮތަރެއްވެސް އެބެލްކަނީއަކުން ނުފެނުނެވެ. އެންމެފަހުން އެތަނަށް އެހެން އާއިލާއެއް އައިސް އުޅެންފަށައިފިއެވެ. މިހާރު އެބެލްކަނީގައި ޖައްސާތަން ފެންނަނީ ކަޅު ކާޅެކެވެ.

އަހަރެން އެދުވަހު ހަވީރު ރަސްފަންނަށް ގޮސް އިނީ އެތަނަށް އަންނަ ކޮތަރުތައް ބަލާށެވެ. އޭގެ ތެރޭން ހުދުކޮތަރެއް ފެނޭތޯއެވެ. އީދާއަށް އަހަރެންގެ ލޯތްބާއި އަލްވަދާއު ފޮނުވުމަށެވެ. އަހަރެން މިރޭ ފަތިހު އަނެއްކާވެސް ކޯހެއްގައި ދާން ޖެހުނީއެވެ. އީދާގެ ފޮނި އެކަމަކު މިހާރު ވޭންދެނިވި ހަނދާންތަކާއެކުގައެވެ.

އަހަރެން ދާން ތެދުވި ވަގުތު އަހަރެން އިން ގޮޑީގެ ފުރަގަހުން ދޫންޏެއްގެ ހިލަމެއްވިހެން ހީވިއެވެ. އޭރު އެއްކަލަ ހުދު ކޮތަރު ދާދި ގާތުގައި އިނެވެ. އޭގެ ފައިގައިވާ ކަރުދާސްކޮޅު ފެނުމުން އެލިބުނު އުފަލެއް ބަޔާންކޮށްދޭކަށް ވެސް ނޭނގުނެވެ. އަހަރެން އަވަހަށް އެކަރުދާސްކޮޅު ނަގައި ކިޔާލީމެވެ. “ޝާމްދެކެ ލޯބިވީމެވެ. އަހަރެންގެ ގާތުގައި މިވަނީ އެލޯބީގެ ފޮނިފޮނި ނިޝާނެވެ. ޝާމްގެ ފުރިހަމަ ކޮޕީއެކެވެ. އެހެނަކަސް އަހަންނަކަށް އެޑްރެހެއް ވެސް ގުޅޭނެ ނަމްބަރެއްވެސް މިއަދު ބުނެދެވޭކަށް ނެތެވެ. އަހަރެންމީ އެހެން މީހެއްގެ މިލްކެއް ވީމައެވެ. ވިޔަސް އަހަރެން ޝާމްދެކެވާ ލޯބީގެ މިފަސާނާ އަނެއްކާވެސް މިކޮތަރާ ހަވާލުކޮށް ފޮނުވީމެވެ.”

ނިމުނީ.