ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި އައިތާ މާގިނަ ދުވަހެއް ނުވަނީސް ހާލު ދެރަވެގެން ފަރުވާ ދެމުންދަނިކޮށް މިއަދު ނިޔާވި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ލެޖެންޑް މުޙައްމަދު އާރިފް(ބަކާ) ނިޔާވީ މެނިންގޮކޯކޮލް ބަލީގައިކަމަށް އިތުބާރުހުރި މަސްދަރަކުން އޭއޯ އަށް މަޢުލޫމާތު ދީފިއެވެ.
ދިވެއްސެއްގެ ގައިން ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޑިޒީޒް ފެނުނުކަން މިއަދު ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މިއާއެކު ރެއިން ފެށިގެން ވަރަށް ކުއްލި ގޮތަކަށް ބަކާ އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ހެދި ޓެސްޓުގެ ނަތީޖާއިން މެނިންގޮކޯކޮލް އަށް ޕޮޒިޓިވް ވެފައިވު މާގުޅިގެން އައިސީޔޫގައި ތިބި އެހެން ބަލިމީހުންވެސް ވަނީ ބަދަލުކޮށް ތަން ހުސްކޮށްފައިކަމަށް އޭޑީކޭއިން ވާހަކަ ދެއްކި އޮފިޝަލަކު މަޢުލޫމާތު ދިނެވެ.
މި ބަލި ރާއްޖެއިން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މެނިންގޮކޯކޮލް ޑިޒީޒް އަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މިއީ ކޮންމެ 10 މީހަކުން އެކަކުގެ ފުރާނައަށް ނުރައްކާ ވާ ބައްޔަކަށް ވެފައި ބަލިޖެހޭތާ 24 ގަޑި އިރުގެ ތެރޭ ހާލު ގޯސްވެ ނުރައްކާ ބޮޑުވެގެން ދެއެވެ.
މެނިންގޮކޯކޮލް ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައިސް، ވަރުބަލިވުމާއި، ހުޅުހުޅުގައި ރިއްސުމާއި ބޯއެނބުރުމާއި ހޮޑު ލެވުންފަދަ ކަންކަން ހިމެނެއެވެ.
އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަށް އޮތް ހަމައެކަނި ފަރުވާއަކީ ބަލިން ރައްކާތެރި ވުމުގެ ގޮތުން މެނިންޖައިޓިސް ވެކްސިން ޖެހުމެވެ. ވަރަށް އަވަސް ފަރުވާ ބޭނުންވާ މި ބަލި ޖެހުމުން ފަރުވާ ދެނީ އެންޓިބައޮޓިކެއް ދީގެންނެވެ.
ސަޢުދި ޢަރަބިއްޔާއިން ވަނީ އެޤައުމަށް އަޅުކަމަށްދާ އެންމެން ނަށް މެނިންޖައިޓިސް ވެކްސިން ޖެހުން މަޖްބޫރު ކޮށްފައެވެ. އެގޮތުން ފުރުމުގެ 10 ދުވަސް ކުރިން މި ވެކްސިން ޖަހަން އެޤައުމުން ޝަރުތު ކޮށްފައި ވެއެވެ.
ހަމައެކަނި އިންސާނުންގެ ގައިން ފެންނަ މެނިންގޮކޯކޮލް ބެކްޓީރިއާއަކީ އެހައި ފަސޭހައިން ގައިން ގަޔަށް އަރާ ބެކްޓީރިއާއެއް ނޫނެވެ. މި ބެކްޓީރިއާ ގައިންގަޔަށް އަރަނީ ބަލި ޖެހިފައި ހުރި މީހަކާ ގައިގޯޅިވެ، ނުވަތަ ވަރަށް ގިނަވަގުތު އެކުގައި އުޅުމުން އަނގައިގެ ތެރެއިން ނުވަތަ ނޭފަތުގެ ތެރެއިން ޖަރާސީމް ވާސިލުވެގެންނެވެ.
މެނިންގޮކޯކޮލް ބަލިން ފަސޭހަވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ތަހައްމަލު ކުރަންޖެހޭ ފަދަ ސިއްހީ އެތައް މައްސަލަތައް ބައެއް މީހުންނަށް ދިމާވެ އެވެ. އެގޮތުން ކަންފަތުގެ އަޑުއިވުމުން މަހުރޫމުވުމާއި ލޮލަށް ފެނުމުގެ މައްސަލަތަކާއި ފިޓު ޖެހުމުގެ އިތުރުން ބަލީގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން މުޅި އުމުރު ދުވަހަށް ދެމި ހުރުން ފަދަ ކަންކަން ދިމާވެއެވެ.
ސަޢުދިޢަރަބިއްޔާ އަށް މިއަހަރު ހައްޖު ގެ އަޅުކަމަށް ދިޔަ މީހުން ހިމެނޭ އިތުރު 4 ގައުމަކުންވެސް މިނުރައްކާތެރި ބަލި މިހާތަނަށް ފެނިފައިވާ ކަމަށް އެޤައުމުތަކުންވަނީ ބުނެފައެވެ. އެގޮތުން ފްރާންސް، ނޯވޭ އެމެރިކާ އަދި އިނގިރޭސި ވިލާތުން މިބަލީގެ ކޭސް ފެނިފައިވާއިރު ސައުދި ޢަރަބިއްޔާ އިން އައި މީހަކާއި ބައްދަލުވި ނެދަލޭންޑް މީހަކަށް ވެސް މިބަލި ޖެހިފައިވާކަން އެމެރިކާގެ ސެންޓާ ފޯ ޑިޒީޒެޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކޮށްފައިވެއެވެ.