އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ސ. އަތޮޅު ބުރުގެ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ އިން މަރަދޫ ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ
ހިތަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހިވީރު ކުޅުނު މިމެޗު ފޭދޫއިން ކާމިޔާބުކޮށްފައިވަނީ 2-1 ލަނޑުންނެވެ.
ޒުވާން ގިނަ ކުޅުންތެރިންނާއި އެކު މިމެޗަށް ނިކުތް މަރަދޫ އާއި ފޭދޫ ކުޅުނު މިމެޗުގައި މަރަދޫއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ ނުވަ ވަނަ މިނެޓުގައި ފޭދޫއަށް ލީޑު ނަގައިދިނީ ކުރިން ގައުމީ ޓީމްގައި މުހިންމު ދައުރެއް އަދާ ކުރި އަދި މިހާރު ފޭދޫ ޓީމްގެ ކެޕްޓަން އަޙްމަދު ސައީދު(އައްމަޓީ) ގެ ދަރިފުޅު މުހައްމަދު ސަޔާމް ސައީދެވެ.
އިއްޔެ ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފް ފޭދޫ ކުރީގައި އޮވެ ނިންމާލި ނަމަވެސް މަރަދޫއިން ވަނީ ދެވަނަ ހާފްގެ ކުރީ ކޮޅު މިދިޔަ އަހަރު އިންޓަރ ސްކޫލް 17 އަހަރުން ދަށުގެ މުބާރާތުން ވިދާލި ހަސަން އައިކްގެ ގޯލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
އައިކްގެ ލަނޑުން މަރަދޫއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ތަޖުރިބާ ކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ފޭދޫއިން ވަނީ މަރަދޫ މެޗުގެ ނަތީޖާ ހަމަހަމަ ކުރިތާ މާގިނަ އިރު ތަކެއް ނުވެ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ފޭދޫއަށް ކާމިޔާބުކޮށްދީފައިވަނީ އާލިފް ފަހުމީއެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރު ސ. އަތޮޅުގެ ހަތަރު ރަށަކުން 4 ޓީމް ވާދަ ކުރެއެވެ. އެއީ ހިތަދުއާއި ފޭދޫގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫއެވެ.
މިއަދު ވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހިތަދޫއާއި މަރަދޫ ފޭދުއެވެ.