English Edition
Dhivehi Edition

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމްއާއި ބައްދަލުކުރުމަށް ފުރުސަތު ނުދޭކަމަށް ސިޔާދުގެ ވަކީލުންނާއި އާއިލާއިން ބުނެފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހާފައިވާ ސިޔާދު ދޫނިދޫއިން މާފުއްޓަށް ބަދަލުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ވަކީލުން ރޭ އާންމު ކުރި މެސެޖެއްގައި ވިދާޅުވެފައިވަނީ 22 ވަނަ ދުވަހު މާފުށީ ޖަލަށް ބަދަލުކުރި ފަހުން އާއިލާއާއި ވަކީލުންނަށްވެސް ސިޔާދުއާއި ބައްދަލު ކުރުމުގެ ފުރުސަތު ދީފައި ނުވާ ކަމުގައެވެ.

މީގެ އިތުރުން ހުކުރު ދުވަހުން ފެށިގެން ސިޔާދުއާ ބައްދަލު ކުރުމަށް އާއިލާއާއި ވަކީލުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް އެއްވެސް އެދެވޭ ޖަވާބެއް ކަރެކްޝަނުން ދީފައި ނުވާކަމަށްވެސް ވަކީލުން ވިދާޅުވެފައި ވެއެވެ. އަދި ސިޔާދު މާފުށީ ޖަލުގައި ހުރީ ކޮންތަނެއްގައި ކަމެއްވެސް ސިޔާދުގެ ހާލުވެސް އޮޅުން ފިލުވައި ދީފައި ނުވާކަމަށް މެސެޖްގައި ވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ސިޔާދުގެ މައްޗަށްވަނީ ރިޝްވަތު ދިނުމުގެ ދައުވާ ކޮށްދިނުމަށް ޕީޖީން ކޯޓަށް މައްސަލަ ފޮނުވާފައެވެ.

ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައިގައި ސިޔާދު ހައްޔަރު ކުރީ ފެބްރުއަރީ 07 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.