English Edition
Dhivehi Edition
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްއާރުއެމް)

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރިއިރު ދައުލަތުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންނާމެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު ހިންގިތާ ދެ އަހަރު ފުރުމާއި ގުޅިގެން އެމްއާރުއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރީ ރާއްޖޭގެ ޤާނޫނު އަސާސީގެ އުސޫލުތަކާ ޚިލާފަށް އަދި ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައްވެސް ނަގާލައި، ޢަދުލު އިންސާފުގެ ނިޒާމު ފުނޑުފުނޑުކޮށްލާފައި ކަމަށެވެ.

އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރިތާ ދެ އަހަރު ފުރޭއިރު، މުޅި ދިވެހި ޤައުމަށް ހާމަވެގެންދާ ގޮސްފައިވާ ކަމަކީ އެ ޙާލަތުގެ ދަށުން ބަންދު ކުރެވުނު ބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވަމުންދިޔަ އިލްޒާމްތަކަކީ އެއްވެސް ޙަޤީޤަތެއ ނެތް ދޮގު އިލްޒާމްތަކެއް ކަމަށާއި، އެއީ ވަކި ބައެއްގެ ފައިދާއަށްޓަކައި ޤާނޫނުތަކާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ކޮށްފައިވާ ޣައިރު ޤާނޫނީ މަސައްކަތެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ޙާލަތު ހިންގިއިރު ދައުލަތުގެ އިސް މަޤާމްތަކުގައި ތިއްބެވި ފަރާތްތަކުގެ މައްސަލަ ބަލައި، އިންސާފުވެރި ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމްއާރުއެމް އިން ވަނީ ގޮވާލައިފަ އެވެ.

“އެހެންނޫނީ ކުރިއަށް އޮތް ތާނގައިވެސް ރައްޔިތުންގެ ވޯޓުން ބާރުދީފައި ތިބޭ ވެރިން މިބާވަތުގެ އަނިޔާވެރި ޣައިރު ޤާނޫނީ ކަންތައްތައް ކުރުމަށް ޖެހިލުމެއް ނުވާނެ އެވެ.”އެ ބަޔާނުގައި ބުނެފައި ވެއެވެ.

2018 ވަނަ އަހަރު ކުއްލި ނުރައްކަލަތުގެ ޙާލަތު އިއުލާންކުރުމަށްފަހު އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް އެވެ. އަދި އެއަށްފަހު އެމަނިކުފާނުގެ ދަނބިދަރިކަލުން އަދި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއަށް ޔުމްނާ މައުމޫންގެ ފިރިކަލުން މުޙައްމަދު ނަދީމްވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ރައީސް މައުމޫން ހައްޔަރުކުރުމަށްފަހު އެމަނިކުފާނުގެ މައްޗަށް ފުލުހުންގެ ތަޙުޤީޤަށް ފޯނު ނުދެއްވި މައްސަލައިގައި ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާ އުފުލައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވި އެވެ. ނަމަވެސް އެ ޙުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިޢުނާފްކުރުމުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަފާލާތުގެ ދަށުން ރައީސް މައުމޫން ވަނީ މިނިވަންކޮށްފަ އެވެ.

އަދި ކްރިމިނަލް ކޯޓުން ކުރި ޙުކުމް ބާތިލްކޮށް، ރައީސް މައުމޫން ޖަލު ޙުކުމުން މުޅިން އެއްކޮށް މިނިވަންވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެވެ.