English Edition
Dhivehi Edition

“މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ ޗެމްޕިއަންކަން ބޭރުމަތި އެފްސީން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން އެޓީމު ހޯދީ މޯލްޑިވިއަންއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 4-3 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ބަލާހިތް ކުޅުމަކަށްފަހު ފައިނަލް މެޗުގެ ފުރަތަމަހާފުގެ ކުޅުން ނިމުނީ ދެޓީމަށްކުރެއް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެހެންނަމަވެސް ދެ ޓީމުންވެސް ގެންދިޔައީ މުބާރާތުގެ ތަށި އުފުލާލުމަށް ދެޓީމުގެ ގޯލަށްވެސް ހަމަލާތައް ދެމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ހިތަދޫ މަނިކު ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ މޯލްޑިވިއަންއިންނެވެ. އެ ލަނޑު ޖަހައިދިނީ މުހައްމަދު އިމްރާނެވެ. އެހެންނަމަވެސް އެޓީމަށް ލީޑުގައި މާގިނަ ވަގުތު ހިފަހައްޓައެއް ނުލެވުނެވެ. ބޭރުމަތި އެފްސީއަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑާއެކު އެޓީމް ވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. އެ ލަނޑު ޖެހީ ހަސަން މިފްރާހެވެ. މެޗު ނިމުނީ 1-1 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ. ނަތީޖާ ދެން ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓުއައުޓުގައި ބޭރުމަތި ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއް އެޓީމުން ކާމިޔާބުކުރިއެވެ. މޯލްޑިވިއަން އިން ޖެހި ފަހު ޕެނަލްޓީ ނާކާމިޔާބު ވުމުން އެޓީމަށް މެޗު ގެއްލުނީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޭރުމަތި އެފްސީގެ ގޯލްކީޕަރު ހުސައިން ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބޭރުމަތި އެފްސީގެ ގޯލްކީޕަރު ހުސައިން ރަޝީދެވެ. އެންމެ މޮޅު ކޯޗަކަށް ބޭރުމަތި އެފްސީގެ ކޯޗު އަހުމަދު ނަސީމު (ނަސަމާ) އެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ މައިލޯ ސިޓީ އެފްސީގެ ހަސަން އަލްތާފެވެ. އޭނާ ވަނީ 11 ލަނޑު ޖަހައިފައެވެ. ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ފަސްގަނޑަ އެފްސީގެ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ޒެލޯންގެ ހުސައިން އައިކެވެ. ފެއާޕްލޭ ޓީމަށް ހޮވުނީ މައިލޯ ސިޓީ އެފްސީއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޭރުމަތި އެފްސީގެ ހަސަން މިފްރާހެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ މޯލްޑިވިއަންގެ މުހައްމަދު އިމްރާން، ހުޝާމް އިބްރާހިމް، ބޭރުމަތި އެފްސީގެ ހަސަން މިފްރާހު، އަލީ ހާފިޒު، މަލްޓި ޖީނިއަސްގެ އަހުމަދު މުއާޒެވެ. މުބާރާތުގެ އެންމެ ރަނގަޅަށް ސަޕޯޓުކުރި ޓީމަކަށް ހޮވުނީ މަލްޓި ޖީނިއަސްއެވެ. އެޓީމަށް ވަނީ 10،000 ރުފިޔާ ލިބިފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ވަނީ ދީފައެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރުންނަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމް އެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.