އައްޑޫސިޓީ ހިތަދޫ މަނިކު ދަނޑުގައި މިހާރު ބާއްވަމުން ގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ ސެމީފައިނަލުގެ ފުރަތަމަޖާގަ ސްކޫޕް ކަންމަތި ހޯދައިފިއެވެ. ސެމީގެ ފުރަތަމަ ޖާގަ އެޓީމުން ކަށަވަރުކުރީ ކުއާޓަރަފައިނަލުގެ ފުރަތަމަ މެޗުގައި ފަސްގަނޑަ އެފްސީއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 1-3 ލަނޑުން މޮޅުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ ފުރިހަމަ ވަގުތު ނިމުމުއިރު 2-2 ލަނޑުން ދެޓީމްވަނީ އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ފަސްގަނޑަ ޓީމުންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މަޝްހޫރު މިޑްފީލްޑަރު ޝަމްވީމް ގާސިމް (ބޮންޑާ) އެވެ. އެ ލަނޑަށްފަހު ސްކޫޕް ކަންމަތިން ވަނީ އިތުރު ހިތްވަރެއްލައި ކުޅެ ނަތީޖާ އެއްވަރު ކޮށްފައެވެ. ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު މުހައްމަދެވެ. މެޗުގެ ދެވަނަ ހާފް ފެށުނުތަނާ ބޮންޑާވަނީ އަނެއްކާވެސް ލަނޑެއްޖަހައި ފަސްގަނޑައަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް މެޗު ނިމިނިމި އޮއްވައި މުހައްމަދު އިންޝާލް ޖަހައިދިން ލަނޑާއެކު ސްކޫޕް ކަންމަތި ވަނީ ނަތީޖާ ހަމަހަނަ ކޮށްފައެވެ. ނަތީޖާ ނެރެން ދެންޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ސްކޫޕް ކަންމަތިން ޖެހި ތިން ޕެނަލްޓީވަނީ ކާމިޔާބުކޮށްފައެވެ. ފަސްގަނޑަ އެފްސީން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ވަނީ ސްކޫޕް ކަންމަތީގެ ގޯލްކީޕަރު ދިފާއުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްކޫޕް ކަންމަތީގެ މުހައްމަދު އިންޝާލެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މޭޖާ ސްޕޮންސަރަކަށް ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމް އެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސާ އަކަށް ވިލާ ކޮލެޖުގެ އިތުރުން ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.