English Edition
Dhivehi Edition

އައްޑޫސިޓީގައި މިހާރު ކުރިއަށް ގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ ސެމީފައިނަލުގެ ދެވަނަ ޖާގަ މޯލްޑިވިއަން އިން ހޯދައިފިއެވެ. އެޓީމުން އެޖާގަ ކަށަވަރު ކުރީ ހިތަދޫ މަނިކު ދަނޑުގައި މިރޭ ކުޅުނު ކުއާޓަރފައނަލިގެ ދެވަނަ މެޗުގައި ޒެލޯންއާ ބައްދަލުކޮށް 6-4 ލަނޑުން މޮޅުވެގެންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ޒެލޯންއިންނެވެ. އެ ލަނޑު ޖަހައިދިނީ ހުސައިން އައިކު އެވެ. އެލަނޑުޖެހީތާ މާގިނައިރެއް ނުވަނީސް އިތުރު ލަނޑެއް ޖަހައި އެޓީމުންވަނީ ލީޑުފުޅާ ކޮށްފައެވެ. އެލަނޑު ޖަހައިދިނީ އެޓީމުގެ އަބްދުﷲ ވާލިއުއެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމިނިމި އޮއްވައި މޯލްޑިވިއަންއިންވަނީ ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީ މޯލްޑިވިއަންގެ އަލީ ލިރުއާމްވަނީ މޯލްޑިވިއަންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެހެންނަމަވެސް އައިކު ވަނީ ލަނޑެއްޖަހައި އަނެއްކާވެސް ޒެލޯންއަށް ލީޑުނަގައިދީފައެވެ. އައިކުގެ މިލަނޑަށްފަހު މޯލްޑިވިއަންގެ ހުސާމް އިބްރާހީމްވަނީ ވިދިވިދިގެން ދެލަނޑުޖަހައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. މާގިނައިރު ތަކެއް ނުވަނީސް އަނެއްކާވެސް އައިކުވަނީ ޒެލޯނަށް ލީޑު ނަގައިދީފައެވެ. މި މެޗު މޯލްޑިވިއަން ކޮޅަށް އަނބުރައިލީ އެޓީމިގެ މަހުފޫޒު އާދަމާއި ހުސާމް ފަހު ވަގުތު ޖަހައިދިން ދެލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަންއަށް ތިންލަނޑު ޖަހައިދިން ހުސާމް އިބްރާހީމެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މޭޖާ ސްޕޮންސަރަކަށް ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމް އެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސާ އަކަށް ވިލާ ކޮލެޖުގެ އިތުރުން ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.