English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫ މަނިކުދަނޑުގައި މިހާރުކުރިއަށްދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ފައިނަލަށް މޯލްޑިވިއަންއާއި، ބޭރުމަތި ދަތުރުކޮށްފިއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ މޯލްޑިވިއަން އިން މިރޭ ކަށަވަރުކުރީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ސްކޫޕްކަންމައްޗާ ބައްދަލުކޮށް 6-1 ލަނޑުން މެޗު ކާމިޔާބުކޮށްގެނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ކުޅެ ފުރަތަލަނޑުޖެހީވެސް މޯލްޑިވިއަން ޓީމުންނެވެ. ދެވަނަ ލަނޑުވެސް ޖެހީ އެޓީމުންނެވެ. ފުރަތަމަ ލަނޑަކީ ސްކޫޕް ކަންމަތީގެ މުދައްސިރު އަބްދުﷲ އަތުން ބައިކޮޅަށް ޖެހުނު ލަނޑެކެވެ. ދެވަނަ ލަނޑު ޖަހައިދިނީ މޯލްޑިވިއަންގެ މުހައްމަދު އިމްރާންއެވެ. މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައި އެ ހާފުގެކުރީ ކޮޅު ސްކޫޕް ކަންމަތިން ވަނީ ލަނޑެއްޖަހައިފައެވެ. އެއީ އެޓީމުގެ މުހައްމަދު އިންޝާލް ޖެހި ލަނޑެކެވެ. އެލަނޑަށްފަހު މޯލްޑިވިއަންގެ މަހްފޫޒް އާދަމްވަނީ ދެ ލަނޑު ޖަހައި ތަފާތު ބޮޑުކޮށްފައެވެ. ފަސްވަނަ ލަނޑުޖެހީ އަލީ ޝިފާއު އެވެ. ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފިރާޝްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަން ޓީމުގެ މުހައްމަދު އިމްރާންއެވެ. ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މައިލޯ ސިޓީ އެފްސީއާއި ބޭރުމަތި އެފްސީއެވެ. މިމެޗު 6-0 ލަނޑުން ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ބޭރުމަތި އެފްސީއެވެ. މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ވަނީ ދެ ލަނޑުޖަހައިފައެވެ. އެ ދެ ލަނޑުވެސް ޖަހައިދިނީ އަލީ ހާފިޒް (އައްޔަ) އެވެ. ދެވަނަ ހާފުގެ ކުޅުން ފަށައި މާގިނައިރެއް ނުވަނީސް އައްޔަ ވަނީ އެޓީމުގެ ތިންވަނަ ލަނޑުޖަހައި ހެޓްރިކެއް ހަދައިފައެވެ. ހަތަރުވަނަ ލަނޑުވެސް ފެނިގެން ގޮސްފައިވަނީ އައްޔަގެ ފަރާތުންނެވެ. ބޭރުމަތި ޓީމުގެ ފަސްވަނަ ލަނޑުޖެހީ ހަސަން މިފްރާހެވެ. ހަވަނަ ލަނޑުޖެހީ އިބްރާހިމް އަސްވަދުއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޭރުމަތި އެފްސީ ޓީމަށް ހަތަރު ގޯލު ކާމިޔާބުކޮށްދިން އައްޔައެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ އާދީއްތަ ދުވަހުގެރޭގައެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މޭޖާ ސްޕޮންސަރަކަށް ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމް އެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސާ އަކަށް ވިލާ ކޮލެޖުގެ އިތުރުން ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.