ދީޕިކާ ޕަޑުކޯން އަދި ރަންވީރް ސިންގްގެ ކައިވެނި ކުރެވެނީ ކޮން އިރަކުތޯ އެއީ މިހާރު އުފެދިފައިވާ ސުވާލެކެވެ. މި ދެތަރިންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އިތުރުން މީޑިއާއިން ދަނީ މިސުވާލުގެ ޖަވާބު ލިބޭނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.
ބޮލީވުޑްގައި މިހާރު ފާހަގަ ކޮށްލެވޭ މަޝްހޫރު މި ޖޯޑު އެމީހުންގެ ކައިވެނީގެ ތާރީޚެއް އެއްވެސް ވަރަކަށް ހިއްސާ ކޮށްފައި ނުވެއެވެ. އަދި ދެ ތަރިންގެ އާއިލާ އިން ވެސް ކައިވެނީގެ ވާހަކަ އެއް ދައްކާފައި ނުވެއެވެ. އެހެން ނަމަވެސް މިދުވަސްކޮޅު އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ކައިވެންޏަށް ބޭނުންވާ ޝޮޕިންގ ކުރަން ދީޕިކާ ފަށާފައިވާ ކަމަށް ބުނެފައެވެ.
މި ދުވަސްކޮޅު ދީޕިކާ ވަނީ އޭނާގެ ބުރަކައްޓަށް މައްސަލަ އެއް ދިމާވުމުގެ ސަބަބުން ޝޫޓިންގ ތަކާއި ދުރުގައި މަޑުކޮށްލާފައެވެ. އެހެން ކަމުން މަސައްކަތުން ޗުއްޓީ ލިބިފައިވާ މި ދުވަސްތަކުގައި އޭނާގެ ކައިވެނީގެ ތައްޔާރީތައް ފަށާފައިވާ އިރު އެކަމުގައި އޭނާއަށް އެހީތެރިވަމުން ދަނީ އޭނާގެ މަންމަ އުއްޖަލާ ޕަޑުކޯން އަދި ދައްތަ އަނީޝާ ޕަޑުކޯންއެވެ.
ވިޝާލް ބަރަދްވާޖް ޑައިރެކްޓް ކުރާ ފިލްމެއްގެ ޝޫޓިންގ އަށް އެނބުރި ދިޔުމަށް އޭނާ މިހާރު ތައްޔާރުވެފައިވާ ކަމަށް ބުނެފައިވިޔަސް ފިލްމްގައި ޙަރަކާތްތެރިވާ އިރުފާން ޚާންގެ ބަލި ޙާލަތު ހުރި ގޮތުން ޝޫޓިންގ ކުރިޔަށް ގެންދެވެން ނެތުމުން ދީޕިކާ ވެސް އަދި މަޑުކޮށްލަން ވިޝާލް ވަނީ ބުނެފައެވެ. މިވަގުތު އެހެން އެއްވެސް ފިލްމަކަށް ދީޕިކާ ސޮއި ކޮށްފައި ނެތުމުގެ ސަބަބުން ކައިވެންޏަށް ތައްޔާރުވާން އޭނާއަށް މިވަގުތު ވަނީ ވަރަށް ފަސޭހަ ވަގުތަކަށްވެފައެވެ.
ރަންވީރު ސިންގް ތައްޔާރު ވަމުން ދަނީ އޭނާގެ ކުރިޔަށް އޮތް ދެ ފިލްމް ކަމަށްވާ “ގުއްލީ ބޯއި” އަދި “ސިމްބާ”ގެ ޝޫޓިންގ ތަކަށެވެ. ދެ ތަރިންގެ އާއިލާއިން ދަނީ މިއަހަރުގެ ކޮންމެވެސް ހިސާބެއްގައި ކުރެވޭނެ ކަމަށް ބެލެވޭ މި ކައިވެންޏަށް ތައްޔާރު ވަމުންނެވެ. ކައިވެނީގެ ޕާޓީ ބެންގަލޫރު އަދި މުމްބާއީ ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.