ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ފާހަގަކުރާ އާތު އަވާ އާއި ގުޅުވައިގެން އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) އިން އައްޑޫގައި ބައިސިކަލް ރެލީއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އަވައިން މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެލައްވަވާ އެ އެސޯސިއޭޝަނުގެ ބޯޑު މެމްބަރު އާމިނަތު ގުލްފިޝާމް (ގުލް) ވިދާޅުވީ އައްޑޫގައި ބާއްވާ ބައިސްކަލް ރެލީއަށް ބޮޑުތަރުހީބެއް ލިބެމުންދާ ކަމަށެވެ.
“ވަރަށް ބޮޑު ތަރުހީބެއް އިވެންޓަށް ލިބެމުން ދަނީ. މިހާރުވެސް މުޅިއެކު 14 ޓީމަކުން 120 ބައިވެރިން މިވަނީ ރޭހުގައި ބައިވެރިވެފައި” ކަމަށް ގުލް ވިދާޅުވިއެވެ.
މިއަދު ހަވީރު ހިތަދޫ ކޮންވެންޝަން ސެންޓަރު ސަރަހައްދުގައި ކުރިއަށް ގެންދާ މި ރޭހުގައި އަންހެން ފިރިހެން ޓީމުތައް ބައިވެރިވެއެވެ. ކޮންމެ ޓީމެއްގައި ހިމެނެނީ 5 މެމްބަރުންނެވެ. ރެލީ ގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ފިރިހެން އަދި އަންހެން ޓީމަށް އާރތު އަވާ މޯލްޑިވްސް އިން ޓްރޮފީ ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ މޮޅު ދެޓީމަށް އީކުއޭޓަރ ވިލެޖުން ޑިނަރ ވަނީ ސްޕޮންސަރ ކޮށްފައެވެ. ހަމަ މިއާއެކު ވަނަވަނައަށް އަންނަ ފަރާތްތަކަށް އަވައިގެ ފަރާތުން ގޯލްޑް، ސިލްވަރ އަދި ބްރޮންޒް މެޑެލް ވެސް ވަނީ ހުށަހަޅާފައެވެ.
މި ރެލީގައި އެންމެ ފާސްޓް އަންހެން އަދި ފިރިހެން ރައިޑަރ އަކަށް އަވައިގެ ފަރާތުން އެއްދުވަހުގެ ރިސޯޓް ސްޓޭއެއް އިނާމެއްގެ ގޮތުގައި ލިބެއެވެ.
“އާރތު އަވާ ބައިކް ރޭސް” ގެ ނަމުގައި އަވައިން ކުރިއަށް ގެންދާ މި އިވެންޓަށް ސްޕޮންސަރ ކޮށްފައިވާ ފަރާތްތަކީ އީކުއޭޓަރ ވިލެޖް، ޕެބްލްސް، ފެނަކަ، އިކޯ ކެއަރ މޯލްޑިވްސް، އާރތު އަވަރ މޯލްޑިވްސް އާއި ކޮކާކޯލާއެވެ.
އަވައިން ވަނީ މީގެ ކުރިންވެސް އައްޑޫގައި މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ބައިކް ރޭހެއް ބާއްވާފައެވެ. އެފަހަރުގެ އިވެންޓަށް ވެސް އައްޑޫގެ ސްކޫލުތަކުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.