English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމްއިން ވަކިވުމަކުން އެއްވެސް ކަންބޮޑުވުމެއްނެތް ކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެބޭފުޅުން ޕީޕީއެމްއިން ވަކިވެ ވަޑައިގެންނެވިޔަސް އެދާއިރާތަކުގެ ރައްޔިތުން ތިއްބެވީ ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ކަމަށެވެ. “އޮނަރަބްލް އިލްހާމް، ޝަހުދީ، ލަތީފް ޕީޕީއެމްއިން ވަކިވުމަކުން ކަންބޮޑުވުމެއްނެތް. އެދާއިރާތަކުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު،” ޑރ. ޚަލީލްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އެ ތިންމެންބަރުން ޕީޕީއެމްއިން ވަކިވެ ވަޑައިގެންނެވުމުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ އަދަދު ވަނީ 41 އަށް މަދުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ވެއްދި ގަރާރުގައި ޕީޕީއެމްގެ 10 މެންބަރަކު ސޮއިކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އެޕާޓީން ވަކިވެފައިވާ ތިން މެންބަރުންވެސް ހިމެނި ވަޑައި ގަންނަވައެވެ. މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވައްދާފައިވަނީ 45 މެންބަރުންގެ ސޮޔާއެކުގައެވެ. މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެންމެފަހުން ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވަނީ އިލްހާމް އަޙުމަދެވެ. އޭނާ ވަކިވެ ވަޑައިގެންނެވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވާތީ ކަމަށެވެ. “ވީމާ ވީއެންމެ އަވަހަކަށް ޕީޕީއެމް އިން ވަކިކޮށްދެއްވައި އަޅުގަނޑުގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި ދަންނަވައި ދެއްވުން އެދި ދެންނެވީމެވެ.” ޕީޕީއެމަށް އިލްހާމް ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ.