English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިމަތިލައްވަމުން ގެންދަވަނީ އިދިކޮޅު ބޭފުޅުންނާ ނޫން ކަމަށާއި، އެމަނިކުފާނު ކުރިމަތިލައްވަނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް) އިން އައްޑޫ ސިޓީ ހިތަދޫގައި، “އަފިރިންނަސް ތައްޔާރަ”، މިނަމުގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޚަލީލް ވިދާޅުވީ ރައީސް ޔާމީން މިއަދު މަސައްކަތްކުރައްވަމުން ގެންދަވަނީ އައްޑޫގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ކަމަށެވެ.

މީގެ ކުރީގެ ސަރުކާރުތަކުން އައްޑޫގެ ތަރައްޤީއަށް އިހުމާލުވެފައިވާ މިންވަރު ހާމަކުރައްވަމުން ޚަލީލް ވިދާޅުވީ، ސާކް ސަމިޓަށް ހިތަދޫގައި އަޅާފައި އޮތް ތާރުގަނޑަށް ބަލާލުމުން ވެސް ދިވެހި ދައުލަތުގެ ފައިސާ ބޭކާރު ކޮށްލާފައޮތް މިންވަރު، އެނގޭކަމަށާއި، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމަގު ހަލާކުވެގޮސްފައިވާކަމަށެވެ.

“ތިބޭފުޅުން އެމަގު ގޮސް ބައްލަވާލައްވާ. ބަލާލި މީހެއްގެ ލޮލުން ކަރުނަ އަންނާނެ. ދިވެހި ދައުލަތުގެ ފައިސާ ބޭކާރުކޮށްލާފައި އޮތް މިންވަރު ފެނިފައި،” ޚަލީލް ވިދާޅުވިއެވެ.

ހަމަ އެހެންމެ ކުރީގެ ސަރުކާރުތަކުން ރައްޔިތުންގެ ޙާލު ބައްލަވާ ނުލައްވާއިރު، ކާރިސާތަކުގައި ރައްޔިތުންނަށް އެ ޙާލަތްތަކުން އަރައިގަތުމަށް އެހީތެރިކަމެއްވެސް ނުދެއްވާ ކަމަށާއި، ނަމަވެސް އައްޑޫއަށް ދިމާވާ އެފަދަ ހާލަތްތަކުގައި މި ރައްޔިތުންގެ ހާލު އެންމެ ގާތުން ބައްލަވަމުން ގެންދަވާ ސަރުކާރަކީ މިއީ ކަން، ދާދި ފަހުން އެ ސިޓީއަށް ކުރިމަތިވި ވިއްސާރާގައި ބައެއް ގެތަކަށް ގެއްލުން ލިބުނު ކާރިސާއިން އެނގިގެންގޮސްފައިވާކަން ޚަލީލް ފާހަގަކުރެއްވިއެވެ.

ޚަލީލް ވިދާޅުވީ، ރައީސް ޔާމީން ގެންދަވަނީ އައްޑޫ އަށާ އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާ ކުރިމަތިލައްވާ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެންމެހާ ކަންކަން ފުރިހަމަކޮށްދެއްވައި ރައްޔިތުންނަށް ދިމާޥެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.