English Edition
Dhivehi Edition

އިދިކޮޅު އެމްޑީޕީގެ ސިޔާސަތަކީ ޤައުމުގެ ކަންތައްތައް ޙައްލުކުރުމަށްވުރެ ބޮޑަށް ޤައުމުގައި މައްސަލަތަކެއް އުފައްދައި ހަލަބޮލިކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރޭ ޗެނަލް-13ގެ “ނިއުސް ޓޯކް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޚަލީލް ވިދާޅު އެމްޑީޕީ ސިފަވަނީ، ތަންތަނުގައި ހުޅުޖަހައި ދައުލަތަށް ގެއްލުންދޭ ބައެއްގެ ގޮތުގައި ކަމަށެވެ.

ޚަލީލް ވިދާޅުވީ އެމްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އެންމެ ފުރަތަމަ ވުޖޫދަށް އައީވެސް ޤައުމު ހަލަބޮލި ކުރުމުގެ ވިސްނުމުގައި އާއި ތަންތަނަށް ގެއްލުން ދިނުމުގެ ރޫހުގައި ކަމަށެވެ.

ރޭގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޚަލީލް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތީ މިކަންކަމުން ޤައުމު ސަލާމަތްކޮށް ޤައުމަށް ހެޔޮގޮތް ހޯދައިދޭންކަމަށާއި، ވާދަކުރައްވާކަށް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ބުރަ ނުޖައްސާނެ ނިޒާމެއް ހޯދައިދެއްވުމަށް ކަމަށްވާއިރު، އިދިކޮޅު ބޭފުޅުންނަށް އެމަނިކުފާނު ކަމުނުދަނީ، އެ ބޭފުޅުންގެ ކޮރަޕްޝަންގެ ކަންތައްތައް ބައްލަވާތީ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، ކުރީގެ ވެރިކަންތަކާ ޚިލާފަށް ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިންމަވާލައްވާއިރު ދިވެހިރާއްޖޭގެ ދައުލަތުގައި ފުރިހަމަ ބަޖެޓެއް އޮންނާނެކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން، މެމްބަރ ޚަލީލް ވިދާޅުވީ، ސަރުކާރުގެ ފައިސާ ވަގަށް ނަގައިގެން އުޅޭ ފަރާތްތަކުން އެފައިސާ އަނބުރާ ސަރުކާރާ ޙަވާލުކުރަންވީ ވަގުތަކީ މިއީ ކަމަށެވެ.