ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވަވާ ދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ވެވަޑައިގަންނަވާ ވައުދުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންގެ މަލާމާތް އެބޭފުޅާއަށް ރައްދުވަމުންދާ ކަމަށާއި، އިތުރު ލަދެއްގައި ނުބެދެނީސް ޕީޕީއެމް ޓީމުގެ ފަރާތުން ވައުދުވާން ދަސް ކުރެއްވުން މާ ރަނގަޅުވާނެ ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) ރާއްޖޭގެ އެކި ރަށްރަށަށް ވެވަޑައިގެން، ރައްޔިތުންނަށް ވަމުންދާ ވައުދުތަކަށް ބަލާއިރު، އެ ބޭފުޅުންގެ ސަރުކާރެއްގައި ކުރާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޚަލީލު ވަނީ
ރައީސް ޔާމީންގެ ފަހަތްޕުޅުގައި އޮތް ޕީޕީއެމް ޓީމުގެ ފަރާތުން ވައުދުވާން ދަސް ކުރައްވަން އިބޫއަށް ދައުވަތު އަރުވާފައެވެ.
ޚަލީލް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރުން ދިވެހިރާއްޖޭގައި ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި
އެ ވައުދުތަކުގައި ކޮށްދެއްވާނެ ކަަމަށް ވިދާޅުވާ ކަންތައްތަކަކީ ރައީސް ޔާމީންގެ ޒައާމަތުގައި ފުރިހަމަކޮށްފައިވާ ނުވަތަ މިހާރު ކުރަމުންދާ ކަންތައްތައް ކަމަށެވެ.