English Edition
Dhivehi Edition

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޓެބްލެޓް ބޭނުންކުރަން ފެށުމުގެ ކުރިން މުދައްރިސުން އެކަމަށް އަހުލުވެރިވުމަށްޓަކައި ގޫގުލް ފޮރ އެޑިޔުކޭޝަންގެ ދެ ކޯހެއް ފުރިހަމަ ކުރުމަށް އެޑިޔުކޭޝަނުން އަންގައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިކަން އަންގަވާފައިވަނީ މިދިޔަ ހަފްތާގައި ސްކޫލުތަކަށް ފޮނުވި މެސެޖްގައެވެ.

މިނިސްޓްރީގެ މެސެޖްގައި ބުނެފައިވަނީ ޓެބްލެޓު ބޭނުންކޮށްގެން ކިޔަވައިދިނުމަށް ތައްޔާރުވުމުގެ ގޮތުން “ގޫގްލް ފޮރ އެޑިއުކޭޝަން”ގެ ދެ ކޯހެއް ހުރިހާ މުދައްރިސުން ފުރިހަމަކުރުމަކީ ލާޒިމުކަމެއް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ ލެވެލް އެކެއްގެ ކޯސް، މާޗު 22 ގެ ކުރިން ފުރިހަމަކުރުމަށް އެޑިއުކޭޝަނުން އެންގި އިރު، ދެވަނަ ލެވެލްގެ ކޯސް އޭޕްރިލް މަސް ނިމުމުގެ ކުރިން ފުރިހަމަކުރަން އެޑިއުކޭޝަނުން އަންގާފައިވެއެވެ.

ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފުރަތަމަ ކޯސް ފުރިހަމަ ނުކުރާ މުދައްރިސުން ފުރަތަމަ ޓާމުގެ މިޑް-ބްރޭކު ބަންދު ދުވަސްވަރުގައި އެ ތަމްރީނު ހަދައި ނިމޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޑިއުކޭޝަނުން ސްކޫލުތަކަށް އަންގާފައިވެއެވެ.

އަދި އެ ދުވަސްތަކަކީ ތަމްރީނު ފުރިހަމަ ނުކުރާ މުދައްރިސުން ސްކޫލަށް ނުކުންނަންޖެހޭ ދުވަސްތަކެއް ކަމުގައި ހަމަޖެއްސުމަށް އެޑިއުކޭޝަނުން އިރުޝާދު ދީފައިވެއެވެ.

ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލެއް ގެނައުމުގެ ގޮތުން ދަރިވަރުން ކިޔެވުމުގައި ބޭނުންކުރަން ހަމަޖެހިފައިވާ ޓެބްލެޓްތައް ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ބޭނުންކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.