English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ވިލަރިއާލް އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން އެތްލެޓިކޯ މެޑްރިޑް ބަލިވިއިރު އެތުލެޓިކް ބިލްބާއޯ ފަސޭހަކަމާއި އެކު ބަލިކޮށް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ލަލީގާގައި ރޭ ލީގުގެ އެއްވަނާގައި އޮތް ބާސެލޯނާ އާއި އެތްލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ބާސެލޯނާ ކާމިޔާބިކޮށްފައިވަނީ 2-0 ލަނޑުންނެވެ.

ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލި ވެފައިނުވާ ބާސެލޯނާ އަމިއްލަ ދަނޑުގައި ބިލްބާއޯ ކުޅުނު މެޗުގެ 8 ވަނަ މިނެޓުގައި ޕަކޯ އަލްސަސާގެ ލަނޑުން ބާސެލޯނާ ލީޑު ނަގާފައިވާ އިރު ބާސެލޯނާއިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 30 ވަނަ މިނެޓުގައި މެސީ ޖަހައިދިން ގޯލަކުންނެވެ.

މި މެޗު ކާމިޔާބުކޮށް ބާސެލޯނާއިން ތާވަލުގެ އެއް ވަނާގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު އެޓީމުން ވަނީ މިހާތަނަށް ބަލިނުވެ 29 މެޗު ނިންމާލާފައެވެ

ބާސާ އާއި އެންމެ ކައިރިން ލީގަށް ވާދަކުރަމުން އަންނަ އެތްލެޓިކޯ މެޑްރިޑް ރޭ ބަލިވީ ރަށުން ބޭރުގައި ވިޔަރެއާލް އާއި ބައްދަލުކޮށް 1-2 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑު ނެގީ އެތްލެޓިކޯ އިން ކަމަށްވާއިރު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ގްރިޒްމަންއެވެ. ނަމަވެސް މެޗުގެ ފަހު 11 މިނެޓްގެ ތެރޭގައި ވިޔަރެއާލް އިން ވަނީ ދެ ގޯލު ކާމިޔާބުކޮށް އެތްލެޓިކޯގެ މައްޗަށް ކުރި ހޯދާފައެވެ. މި ދެ ގޯލު ވެސް ވިޔަރެއާލް އަށް ކާމިޔާބުކޮށްދިނީ އެނެސް އުނާލްއެވެ

މި މޮޅާ އެކު ލީގުގެ އެއްވަނައިގައި ބާސެލޯނާ 75 ޕޮއިންޓްގެ ހޯދާފައިވާއިރު ދެވަނައިގައި އޮތް އެތުލެޓިކޯވާނީ 64 ޕޮއިންޓާ ހޯދާފައެވެ.އަދި 60 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.