English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލްއިން ނެރެފައިވާ ބަޔާނަކާއި ގުޅިގެން، އެ ބަޔާނުގައި ސޮއިކުރި ކައުންސިލް 4 މެމްބަރުން ސަސްޕެންޑުކޮށްފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން(އެލްޖީ) އެއް މަސްދުވަހަށް ސަސްޕެންޑް ކުރި 4 ކައުންސިލަރުންނަކީ އައްޑޫ މޭޔަރ އަބްދުﷲ ސޯދިގު އާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުޙައްމަދުގެ އިތުރުން ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީއެވެ

މާދަމާއިން ފެށިގެން މި 4 ކައުންސިލަރުން ސަސްޕެނޑު ކޮށްފައިވާކަން ހާމަކޮށްފައިވާއިރު، އެ މެމްބަރުން ސަސްޕެންޑުކޮށްފައި ވަނީ އެއްމަސް ދުވަހުގެ މުއްދަތަށެވެ. އެ މެމްބަރުން ސަސްޕެންޑު ކޮށްފައިވަނީ މި މުއްދަތުގެ ތެރޭގައި މުސާރައާއި އިނާޔަތް ނުހިނގާ ގޮތަށެވެ

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވެފައިވާ ގޮތުގައި، ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި ކައުންސިލް ހިންގުމުގެ ކަންކަން ކުރިއަށްގެންދާނީ، އެ ކައުންސިލްގެ މެމްބަރުން ކަމުގައިވާ ފައިސަލް އިބްރާހީމާއި، އިބްރާހިމް ޝުކުރީ އަދި ހުސައިން ހިޔާޟް މަޝްވަރާ ކުރުމަށްފަހު އޭގެތެރެއިން ކަނޑައެޅޭ ކައުންސިލަރެކެވެ

އައްޑޫސިޓީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައުދީ ހަސަން އަށް އެޑްރެސްކޮށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން އައްޑޫ ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށެވެ.އެހެންކަމުން ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ރ) އާ މިއަމަލު ހިލާފުވެފައިވާތީ، އެ ނޫސްބަޔާން ފާސްކުރުުމަށް ސޮއިކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ޞާދިގާއި، ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އަދި ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އަހުމަދާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދު މިއަދުން ފެށިގެން އެއް މަސްދުވަހަށް މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށް އެ ސޮޓީގައި ބުނެފައިވެއެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން ނޫންގޮތަކަށް އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

މީގެ އިތުރުން މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލަށް ދޭ ކަމަށްވެސް ސިޓީގައި ވެއެވެ.

.