English Edition
Dhivehi Edition

އިސްލާމް ދީނާ ޚިލާފު އެއްވެސް ކަމެއް މިސަރުކާރުން ބަލައި ނުގަންނާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.

އީޔޫ އިން ނެރުނު ޤަރާރާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގައި ފަތުވާދޭ މަޖިލީހުގެ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، އިސްލާމްދީން ޙިމާޔަތް ކުރުމަކީ ހަމައެކަނި ޤައުމެއްގައި އޮންނަ ސަރުކާރުގެ އެކަނި ޒިންމާ އެއް ނޫންނަކަމަށާއި، އެއީ އެ ޤައުމެއްގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމަށެވެ.

” އަޅުގަޑުމެންނާއި ހަމައަށް މިއަދު އިސްލާމްދީން ފޯރާފައި މިވަނީ ކާބަފައިންގެ ވަރަށް ބޮޑެތި ޤުރުބާނީ ތަކަކާއިއެކު. އެހެން ކަމުން އެކަމުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަން ޖެހޭ” މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަތުވާދޭ މަޖިލީހުގެ މެންބަރު މޫސާ އަންވަރު ވިދާޅުވީ ގަރާރު ނެރުނު އީޔޫ މީހުންގެ ގައުމުގައި ތިބޭ މުސްލިމުންނަށް ކުރިމަތިވެފައިވާ ހައްގުތަކަށް ބަލާއިރު އެ ރައްޔިތުންނަށް ދީނީ މިނިވަންކަމެއް ނެތް ކަމަށެވެ. އަންވަރު ވިދާޅުވީ އިސްލާމްދީނުގައި ވަކި އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި ތާރީހުން އިބްރަތް ހާސިލް ކޮށްގެން މުސްތަގުބަލް ރާވަން ޖެހޭ ކަމަށެވެ.

އީޔޫގެ ޕާލިމަންޓުން ނެރުނު ގަރާރުގައި ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަން ހުޓާލުމަށް ގޮވާލައިފަ އެވެ. އަދި އެކި ދީންތަކަށް ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.