English Edition
Dhivehi Edition

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ ދިހައެއްގައި އައްޑޫގެ 3 ބައިވެރިން ހިމެނިއްޖެއެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ގަދަ 10 އިޢުލާންކޮށްފައިވަނީ ރޭ ބޭއްވި ގާލާ ރައުންޑުގެ ފުރަތަމަ އެލިމިނޭޝަން ނައިޓްގެ ޝޯވގައެވެ. ގަދަ ދިހައެއްގައި ހިމެނިފައިވާ އައްޑޫގެ 3 ބައިވެރިންނަކީ އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު އާއި ޙަސަން ޝަހުދާން ގެ އިތުރުން އައިޝަތު އަޒަލް އަލީ ޒާހިރެވެ. މި ތިން ބައިވެރިންގެ އިތުރުން ގަދަ 10 ގައި ދެން ހިމެނިފައިވަނީ އިބްރާހީމް ޝަމްވީލް، ތަލްސީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް، ރައިހާން އާދަމް، މަރިޔަމް މައީޝާ، ޢަބްދުﷲ މުނާޒް، ޢަބްދުﷲ މުރުޝިދެވެ.

ބައިވެރިންގެ އަދަދު 12 އިން 10 އަކަށް ދަށްވެ، ރޭގެ ޝޯއިން ކަޓާފައިވަނީ މަރިޔަމް ސަލްވާ އަދި ޝާން ޝަރީފް އެވެ.. އައިޑަލްގެ ޝޯވތައް ހަމަޖެހިފައިވާގޮތުން ކޮންމެ ހަފްތާއެއްގެ ޝޯވގައިވެސް ވާދަކުރާ ބައިވެރިންގެ ތެރެއިން، ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ ފަރާތުން ލިބޭ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން، ޕޮއިންޓް ލިބޭ ތަރުތީބުންނެވެ.

މިފަހަރުގެ ސީޒަންގެ ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ ހާއްސަކޮށްފައިވަނީ “އަބަދަށް ފެހި ރީތި ލަވަތައް” މި ތީމަށެވެ. އެގޮތުން މިހަފްތާގެ ޝޯވގައި މި ތީމަށް ކޮންމެ ބައިވެރިއަކުވެސް، އެބައިވެރިއަކު އެންމެ ގަޔާވާ އަދި އެންމެ ކިޔާލަން ބޭނުންވި ލަވަ ހުށައަޅައިދީފައިވާއިރު، ހުރިހާ ބައިވެރިންނަށްވެސް ޖަޖުންގެ ފަރާތުން ވަނީ ތަފާތު ކޮމެންޓްތަކެއް ލިބިފައެވެ. ރޭގެ ޝޯވ ހާއްސަކޮށްފައިވަނީ އެ ބައިވެރިއެއްގެ ކުޑައިރުގެ ހަނދާންތަކާއި ގުޅިފައިވާ ލަވަތަކަށެވެ.