ބޭންކޮކްގައި އާންމުކޮށް ދިވެހިން ގޮސް އުޅޭ ޕަތުވަން ސަރަހައްދުގައި ހުންނަ އޯންގެ ރެސްޓޯރެންޓަށް ވަދެވުމުން މިއުޅެވެނީ ރާއްޖެއިން ބޭރު ގައުމެއްގައި ކަން އިޙްސާސްވެސް ނުކުރެވޭނެއެވެ. އެތަނުގައި ހުންނަ ޓީވީން ފެންނަނީ ރާއްޖޭގެ ޓީވީ ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމުތަކެވެ. އެއްފަރާތެއްގައި ތައިލެންޑުގެ ދިދައާއެކު ރާއްޖޭގެ ދިދަ ފެންނަ ހުރެއެވެ. ރެސްޓޯރެންޓުން ދިވެހި ކެއުން ހުރެއެވެ. ގަރުދިޔައާއި ބަތާއި ތެލުލިމަހުގެ އިތުރުން ރިހާކުރާއި ރޮއްޓާއި ހިކި މަސްރިހައެވެ. ހެދިކާގެ ވެސް ހުރިހާ ބާވަތެއް ދިވެހި ރަހަތަކާއެކު ލިބެއެވެ. މީގެ އިތުރުން ރެސްޓޯރެންޓުގައި ތިބޭ ތައިލެންޑުގެ ވެއިޓަރުން، ފަސޭހަ ދިވެހި ބަހުން ވާހަކަ ދައްކައެވެ. މުޅި އެތަން ފުރެންދެން ތިބެނީ ދިވެހިންނެވެ. ރެސްޓޯރެންޓު ތެރޭގައި ދިވެހިން އެކަކު އަނެކަކަށް ވާހަކަ ދައްކައި ހީނ ސަމާސަކޮށް އުޅޭތަން ފެނެއެވެ. މުޅިން ވެސް ދިވެހި ވެއްޓެކެވެ. މިއީ ތައިލޭންޑުގެ އަންހެނެއް ކަމަށްވާ އޯންގެ ބުރަ މަސައްކަތެވެ. ދިވެހިންގެ ޚިދުމަތުގައި އޯން މަސައްކަތް ކުރަމުން ގެންދާތާ ދިގު 7 އަހަރު ވީއެވެ.
އޯންގެ މި މަސައްކަތުގެ ފެށުމަކީ ކާގޯ އެވެ. ދިވެއްސަކާއެކު ކުޑަ ގޮތަކަށް އިއޮން ފެށި މި މަސައް ފުޅާވެ މިހާރު ވަނީ ރެސްޓޯރެންޓަކާއެކު ގެސްޓުހައުސް އެއްވެސް ތަރައްގީކޮށް އެ މަސައްކަތުގައި ކުރިއަށް ޖެހިފައެވެ.
“އެންމެ ފުރަތަމަ މި މަސައްކަތް ފެށިގެން ދިޔައީ ކާގޯއިން. އޭރު މޭވާއާއި ތަރުކާރީ ރާއްޖެއަށް ސަޕްލައި ކޮށްދެނީ. ރާއްޖޭގެ މީހުން ވަރަށް ގިނައިން މިތަނަށް އާދޭ. ގިނައިން ވިޔަފާރިވެރިން އަންނަނީ. އެމީހުންނަށް ރާއްޖެއަށް މުދާ ފޮނުވަން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ. ގިނަ މީހުންނަށް ފަށައިގަންނައިރު ރަނގަޅަށް ތަންތަނެއް ނޭނގެ. އެހެންވެ ދިވެއްސަކާއެކީ ފެށި މަސައްކަތެއް މިއީ” އޭއޯ ނިއުސް އަށް ދިން އިންޓަވިއުއެއްގައި އޯން ކިޔައިދިނެވެ.
އޯންގެ މަސައްކަތް ފުޅާވެ ” ޓޭސްޓީ ފުޑް އެޓް ބެންކޮކް” ގެ ނަމުގައި ހުޅުވި ރެސްޓޯރެންޓާއި ” ބެންކޮކް ހޮސްޓެލް” ގެ ނަމުގައި ހުޅުވި ގެސްޓް ހައުސް ހުންނަނީ އެއްއިމާރާތެއްގައެވެ. 10 ކޮޓަރީގެ މި ގެސްޓު ހައުސްގައި ދިވެހިން ގޮސް ތިބެއެވެ. އަދި ރެސްޓޯރެންޓުން ޚިދުމަތް ލިބިގަންނަ މީހުންގެ 80 އިންސައްތަ އަކީ ދިވެހިންނެވެ.
“ޓޫރިޒަމަށް އަމާޒުކޮށްގެން ރެސްޓޯރެންޓް ވިޔަފާރި ފެށީ. މިތަނަށް ވަރަށް ގިނައިން ދިވެހިން އާދޭ. އެހެންވީމަ ކޮންސެޕްޓް އެއްކޮށް ދިވެހިންނަށް ބަދަލުކޮށްލ. މިތަނުން ދިވެހިންނަށް ބޭނުންވާ ހުރިހާ ކެއުމެއް ދިވެހި ރަހަތަކާއެކު ލިބެން ހުންނާނެ” އޯން ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ދިވެހިންނަށް ކަމުދަނީ ރާއްޖެއިން ގެންނަ ކަނޑުމަހުގެ ގަރުދިޔައާ އެ މަހުން ކައްކާ ރިހައެވެ.
“މަސައްކަތް ފަށައިގަތްއިރު ބައެއްފަހަރު ދިވެހި ކަނޑުމަސް ނުލިބޭ ފަހަރުތަކުގައި ތައިލެންޑުން ލިބެން ހުންނަ މަހުން ރިކަ ކައްކަން. އެކަމަކު އެ ރިހަ ދިވެހިންނަށް ކަމުނުދޭ. ދިވެހިންނަށް ހަމަ ކަމުދަނީ ދިވެހި ކަނޑުތަކުން ބާނާ މަހުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް” އޯން ކިޔައިދިނެވެ.
އޭނާގެ މި ރެސްޓޯރެންޓުގައި ތައްޔާރު ކުރާ ދިވެހި ކާނާ އަކީ ތަނުގެ މުވައްޒަފުން އަމިއްލަ އަށް ތައްޔާރުކުރާ ކާނާއެވެ. އޯން ބުނި ގޮތުގައި އޭނާއަށް މިހާރު ދިވެހި ރަހަތަކާއެކު ދިވެހި ކެއުން، މީރުކޮށް ތައްޔާރުކޮށްލެވެއެވެ. އަދި ދިވެހި ހުރިހާ ކެއުމެއްވެސް އޯން އަށް މީރެވެ. އޭނާއަށް އެންމެ މީރީ ތެލުލި މަހާއި ހިކިމަހުގެ ރިހައެވެ.
“ދޭތެރެ ދޭތެރެއިން ދިވެހި ކެއުން ތައްޔާރުކުރާނެ ގޮތުގެ ޓްރެއިނިންގ ދޭން ރާއްޖެއިން މީހަކު އަންނާނެ. ރާއްޖޭގެ މީހަކާ ގުޅިގެން ކުރިއަށް ގެންދާ ވިޔަފާރިއަކަށް ވާތީ އެގޮތަށް މަސައްކަތް ކުރަން ފަސޭހަ. އަހަރެންވެސް ބައެއްފަހަރު މާލެ ދަން. ކައްކަން ދަސްކުރަނީ މިގޮތަށް” އޯން ދިވެހި ކެއުން ކައްކަން ދަސްކުރާ ގޮތަކީ މިއީއެވެ.
ދިވެހި ރެސްޓޯރެންޓަށް އަންނަ ދިވެހިންނާ އޯން އާއި ވަރަށް ރައްޓެއްސެވެ. އޭނާ ބުނިގޮތުގައި އެތަނަށް އެތައްފަހަރަކު ރިޕީޓްކޮށް ވެސް މީހުން އައިސް ތިބެއެވެ. މި އަންނަ އައުމުގައި އޯން އަށް ދިނުމަށް ދިވެހި ކެއުމަށް ބޭނުންވާ ސާމާނުވެސް ބައެއް މީހުން ގެނެއެވެ. އެގޮތުން ދިވެހިން ހައްދާ މިރުސް ފަދަ ތަކެތި ވެސް ގެނެސްދޭކަމަށް އޭނާބުންޏެވެ.
“އެންމެން ވެސް ވަރަށް ރަނގަޅު. ރާއްޖޭގައި ތިބޭ އަހަރެންގެ އާއިލާގެ މީހުން އެއީ. މި މަސައްކަތުން ވަރަށް ގިނަ އެކުވެރިންނާއި ދިވެހި އާއިލާތައް ލިބިއްޖެ. ބައެއް މީހުން އެމީހުންގެ ޚާއްޞަ ދުވަސްތައް ވެސް މިތަނުގައި ފާހަގަކޮށް ހަދާ. އެންމެ އުފާވަނީ މިތަނުގެ ކެއުން ކައިފައި ރާއްޖޭގެ ރެސްޓޯރެންޓުތަކުން ލިބޭ ކެއުމަށް ވުރެ މިތަނުގެ ކެއުން މީރޭ ބުނީމަ. އެހާވަރަށް ތައްޔާރުކުރެވޭތޯ ބަލަނީ” އޯން ބުނެދިނެވެ.
ކުރިއަށް އޮތްތަނުގައި ވެސް ދިވެހިންނަށް ޚިދުމަތް ކުރުމުގައި ހުންނަން ބޭނުންވާ އޯންގެ ރެސްޓޯރެންޓަކީ ބެންކޮކަށް ދާ ދިވެހިންނަށް އެންމެ ކަމުދާ މާހައުލެވެ. އަމިއްލަ ރަށާއި ގައުމު ދޫކޮށްފައި ތަފާތު އެކި ބޭނުންތަކުގައި އައިސް ތިބޭ ދިވެހިންނަށް އޯންގެ ރެސްޓޯރެންޓަށް އައުމުން އެ އާދެވުނީ ހަމަ ރާއްޖޭގެ ބަޔަކަށެވެ.!