English Edition
Dhivehi Edition
11 އޭޕްރީލް 2020 ވަނަ ދުވަހު މާލެއިން އިންޑިއާ އަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: މޯލްޑިވިއަން

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިރިއުޅޭ ދިވެހިނަށް ‘ކެއަރ ޕެކެޖް’ ފޮނުވައިދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އެފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 16 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހު މޯލްޑިވިއަން އިން ބެންކޮކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން، ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 15 އެޕްރީލް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިންމެންދުރު 15:00 އަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު: 3023996 އަދި 3023943 އާއި ގުޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މޯލްޑިވިއަން މެދުވެރިކޮށް ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށްވެސް އެހީގެ ތަކެތި ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދީފައެވެ.