English Edition
Dhivehi Edition

މި އަހަރު “އާރތް އަވަރ” ގެ ރަސްމީ ޙަރަކާތްތައް ބާއްވަނީ އައްޑޫސިޓީގައި ކަމަށް ރާއްޖޭގައި މިޙަރަކާތް އިންތިޒާމުކުރާ އީކޯކެއާ މޯލްޑިވްސްއިން ބުނެފިއެވެ.

24 މާޗް 2018 ވަނަ ދުވަހުގެ ރޭގަނޑު 8:30-9:30 ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހަރަކާތްތަކަށް އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫސިޓީގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން މުޢައްސަސާތަކާއި، އާރތް އަވަރ މޯލްޑިވްސް އަދި އިކޯ ކެއާގެ ޓީމުން ދަނީ ތައްޔާރުވަމުންނެވެ.މި ގޮތުން ބޭންކް އޮފް މޯލްޑިވްސް، ފެނަކަ، އެމްއެންޑީއެފް، މޯލްޑިވްސް ރެޑް ކްރެސެންޓް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، ސީކެޕް އަދި ބައެއް ޖަމްޢިއްޔާތަކާއެކު ވަނީ ޙަރަކާތް ރާވައި ހިންގާނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ

ދުނިޔެއަށްޓަކައި އެއްގަޑިއިރު ހޭދަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް، ދުނިޔޭގައި ފާހަގަ ކުރަމުންދާ “އާރތް އަވަރ” ގެ މައި އިވެންޓްކަމުގައިވާ “ސްވިޗް-އޯފް” ގެ ޙަރަކާތް އައްޑޫސިޓީގައި ފާހަގަކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ މީގެކުރީ ހުރިހައި އަހަރެއްގައިވެސް މާލެ ސިޓީގައި ބާއްވަމުންދާތީ ރާއްޖޭގެއެހެން ޞަރަޙައްދެއްގައި މި ހަރަކާތް ބޭއްވުމުގެ ބޭނުމުގައި ކަމަށް އާރތް އަވަރ މޯލްޑިވްސްގެ ކަންޓްރީ ޓީމުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ޓީމުން ބުނެފައިވަނީ މި އަހަރުގެ އާރތް އަވަރގެ ތީމްއަކީ ” ކަނެކްޓް ޓު އާތް” ކަމަށްވެފައި އިންސާނާއާއި ދިރޭތަކެތީގެ ނަސްލާއި އޮންނަ ގުޅުން އެންމެ ރަނގަޅަށް ދައްކުވައިދޭނެ އެއް މަންޒިލަކީ އައްޑޫސިޓީ ކަމުގައިވުން ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން، އައްޑޫ ސިޓީގެ ރީތިކަން ދުނިޔެއަށް އިޝްތިހާރުކޮށްލަން ލިބޭ ރަނުގެ ފުރުސަތަކަށް ވެގެންދާނެކަމުގައި އެ ޓީމުންވަނީ ބުނެފައެވެ

ރާއްޖޭގައި އާތްއަވާ ފުރަތަމަ ފާހަގަކުރީ 2009 ވަނަ އަހަރުގައެވެ