English Edition
Dhivehi Edition

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް ކޮންމެ ޤާނޫނެއް ވެސް އިސްލާޙް ކުރާނެ ކަމަށް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބަދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ނިކުންނަ ކޮންމެ ބަޔަކާ ދެކޮޅަށް މަސައްކަތް ކުރަން ތައްޔާރަށް ތިއްބެވި ކަމަށެވެ. މިހާ ވަރަށް ރައްޔިތުންނަށް އިސްކަންދޭ ސަރުކާރެއް ދުވަހަކުވެސް އުފެދިފައި މީގެ ކުރިން ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރު ބަލިކަށިވިޔަ ނުދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދިވެސް އިތުރު ބިލްތައް ފާސްކުރަން ވެއްޖެއްޔާ ފާސް ކުރާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން އިސްލާޙު ކުރަން ޖެހޭ ކޮންމެ ގާނޫނެއް ފާސް ކުރާނީ އިދިކޮޅު މީހުން ދައްކާ ވާހަކަތަކަށް ކުޑަވެސް ފަރުވާއެއް ނުބަހައްޓައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޕީޕީއެމް އަދި އެމްޑީއޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ޤައުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވަރަށް ކެރިގެން ވާން ތިއްބަވާ ބައެއް ކަމަށެވެ.

މިއަދު ފާސް ކުރި އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ގޮތުގައި އެތައް ދުވަހަކު އޮތް މައްސަލައެއް ކަމަށާއި މިއަދު ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަނުން އެކަން ނިމުމަކަށް ގެނައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި އެކަން ކޮށްފައި ވާނީ އެ ދެ ޕާޓީގެ މެންބަރުންނަށް ވެސް ލިބޭ ބާރުތަކެއް ދޫކޮށްލައިގެން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އޭގެ ސަބަބުން ގޮނޑި ވިއްކުން އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ. މިއަދު ޤައުމަށްޓަކައި ނިންމި ނިންމުމުގެ ސަބަބުން ދެން މަޖިލީހަށް ކުރިމަތިލާނީ އިޚްލާޞްތެރިން ކަމަށާއި ގޮނޑީގެ ބޭނުމުގައި އަމިއްލަ ފައިދާ ބޭނުންވާ މީހަކަށް ދެން މަޖިލީހަކަށް ކުރިމަތިލާކަށް ނުކެރޭނެ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ވަނީ މިއަދު ފާސް ކުރެވުނު ދެ ބިލް ބާޠިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.