ރޭ އައްޑޫ ސިޓީގައި ފަހަކަށް އައިސް ހިނގާ ދިޔަ އެންމެ ނުރައްކާތެރި އެކްސިޑެންޓްގެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކާރު ދުއްވަން އިން މީހާ ކަމަށް މަޢުލޫމާތު ލިބެއެވެ. ރޭ އިރާކޮޅު ކުނިކޮށި ސަރަޙައްދުން ލިންކް ރޯޑްގައި ހިނގާދިޔަ މި އެކްސިޑެންޓްގައި ސ. ހިތަދޫ ނޫމުގުމާގެ، 28 އަހަރުގެ މުޙައްމަދު ރަމްޝް ރިޔާޒް ވަނީ ދުނިޔެ ދޫކޮށްފައެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ރަމްޝް ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން އެ ކާރުގައި ތިބި 3 މީހުންނަށްވެސް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ.
ނިޔާވި ރަމްޝްގެ ހަށިގަނޑު ވަނީ ޗިސްޗިސް ވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ. ކަނދުރާ އާއި ފައި ވެސް ވަނީ ބިންދައިގެން ގޮސްފައެވެ. މޫނުގެ ބޮޑުބައެއް ވަނީ ޗިސްވެފައެވެ.
މީގެ ކުރިން ލިންކް ރޯޑްގައި މިފަދަ ޙާދިސާތައް ވަރަށް ގިނައިން ހިނގާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ފަހަކަށް އައިސް މިފަދަ ޙާދިސާތައް މަދުވެފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.
މިފަދަ ކޮންމެ ޙާދިސާ އަކީ އެތައް ބަޔަކަށް އޭގެ އަސަރު ކުރުވާނެ ޙާދިސާތަކެއް ޔަޤީނެވެ. ނެތިގެންދާ އެއްވެސް ފުރާނައެއްގެ އަގަކީ ދެވޭނެ އެއްޗެއް ނޫނެވެ. އެހެން ކަމުން ވެހިކަލްތައް ދުއްވާ ކޮންމެ ފަރާތަކުން ވެސް އަމިއްލަ ޒިންމާ އެއް އޮންނަ ކަން ދަނެގެން ބަލައިގެން ދުއްވަން ކަނޑައަޅާފައި އޮންނަ ސްޕީޑް ފަހަނައަޅާ ނުދިޔުން ވަރަށް މުހިއްމެވެ. ތިމާގެ އަމިއްލަ ސަލާމަތާއި އަނެކާގެ ސަލާމަތަށް ވެސް ސަމާލުވާން ޖެހެއެވެ.