ޓީވީ ގެ ކުޑަ ސްކްރީން ތަކުން މިވަގުތު ގެއްލިފައިވާ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އެނބުރި ސްކްރީނަށް އަނެއްކާވެސް އަންނަ ޚަބަރަކީ ސަޕޯޓަރުންގެ މޫނު މަތިން ހިނިތުންވުން ފެނިގެންދާނެ ޚަބަރެއް ޔަޤީނެވެ.
ކަޕިލްގެ ކުރިޔަށް އޮތް ޝޯވ “ފެމިލީ ޓައިމް ވިތް ކަޕިލް ޝަރްމާ” މާރިޗު 25 ގައި ޕްރިމިއަރ ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. މިކަމަށް ބޭނުންވާ ހުރިހާ ތައްޔާރީއެއް މިހާރު ވަނީ ކުރެވިފައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހަފްތާ ނިމޭ ހިސާބުގައި މި ޝޯވ ގެ ޝޫޓިންގ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ސޮނީ ޓީވީ އިން ދައްކަމުންދާ “ސުޕަރ ޑާންސަރ ޗެޕްޓަރ 2” ގެ ގްރޭޑް ފިނާލޭ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ދެއްކުމަށް ފަހު 25 ވަނަ ދުވަހު ކަޕިލްގެ ޝޯވ ދައްކަން ފަށާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ޝޯވ ގައި ވެސް ކުރިން އާންމުންގެ ތެރޭގައި މަޤްބޫލުކަން ހޯދި ކަޕިލްގެ ޝޯވ “ދަ ކަޕިލް ޝަރްމާ ޝޯވ” ގައި އޭނާއާއި އެކު ޙަރަކާތްތެރިވި ޗަންދަން ޕްރަބާކަރް އަދި ކިކޫ ޝަރްދާ ފެނިގެންދާނެ ކަމަށް ވެއެވެ.
މި ޝޯވ ގެ ޕްރޯމޯ ވަނީ ދާދި ފަހުން ޓީވީން ދައްކަން ފަށާފައެވެ. އޭގައި އޭނާގެ އަތްމަތި ދަތި ދުވަސްތަކަށް ޖޯކު ޖަހާ މަޖާކުރާ މަންޒަރު ދައްކުވައިދީފައިވެއެވެ. މި ޕްރޯމޯ އަށް ގިނަ ބައެއްގެ ސަޕޯޓް ވަނީ ލިބިފައެވެ.
ހެއްވާ މަޖާ ޝޯވ ތައް ބައްލަވާ ފަރާތްތަކަށް ކަޕިލްގެ މި ފަހަރުގެ ފެނިލުން ވެސް ވަރަށް ކަމުދާނެ ކަމަށް ބެލެވެއެވެ.