ދިވެހި ދަޢުލަތް ލަދުގަންނަ ދަރަޖައަކަށް ވައްޓަވާލައްވާފައި ރައީސް ޔާމީން ވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ޙަސަން ލަޠީފް މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވީ، އޭގެ ނަތީޖާއަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އިތުރަށް ވާހަކަ ދައްކަވަމުން ޙަސަން ލަޠީފް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވާފައި ވަނީ ރައީސް ޔާމީން އަމިއްލަފުޅަށް ބޭނުންފުޅުވާ ބައެއް ކަންކަން ޙާސިލް ކުރެއްވުމަށްޓަކައި، ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު ހިފާ ހައްޔަރު ކުރުމަށް ޤާނޫނީ ހަމައެއް ނެތުމުން ކަމަށެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުން މުޅި ދުނިޔެ އެޤައުމަކާ މެދު ދެކޭ ގޮތް ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ޙަސަން ވިދާޅުވިއެވެ. އެއީ ރައީސް ޔާމީނަށް އެނގިވަޑައިނުގެން ކުރެއްވި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޙަސަން ލަޠީޕް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމަށް ފަހު އޭގެ ނަތީޖާ ބަދަލުވެގެން ދަނީ، ރައީސް ޔާމީންގެ ޢަމަލުތަކުގެ ސަބަބުން ބޭރު ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖޭގެ އަގު ވެއްޓި، ދަޢުލަތެއް ނެތް ކަމުގެ ސިފަ ޖެހިގެން ދިއުން ކަމަށެވެ.
ދަޢުލަތަކަށް ވުމުގައި ހުންނަން ޖެހޭ މައިގަނޑު ސިފަތަކެއްވާ ކަމަށް ޙަސަން ވިދާޅުވިއެވެ. އެފަދަ އެއްވެސް ސިފައެއް މިހާރު ފެންނަމުން ނުދާ ކަމަށާއި، އަދި ހުރިހާ ނުރަނގަޅު ގޯސްތަކެއް ރައީސް ޔާމީން ހައްދަވަމުން ގެންދަވާ ކަމަށާއި، މިއީ ސަރުކާރެކޭ ބުނަން އުނދަގޫ ހިސާބަށް ސަރުކާރުގެ ޢަމަލުތައް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ހައްދަވަނީ ގޯސްކަން ސަރުކާރަށް ތާޢީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ޤަބޫލް ކުރައްވާ ކަމަށާއި، އެހެންނަމަވެސް ކޮންމެވެސް ކަހަލަ މަޖުބޫރު ކަމަކާ ގުޅިގެން ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ވާހަކަ ދައްކަން މެމްބަރުންނަށް ޖެހިވަޑައިގަންނަވާތީ އެގޮތަށް އެކަން ކުރައްވަނީ ކަމަށް ޤަބޫލް ކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސް ޔާމީނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާ ކަމަށް ޙަސަން ވިދާޅުވިއެވެ. އެންމެ ބޮޑު ކާމިޔާބަކީ ރައީސް ޔާމީން އެކަނިވެރިވުން ކަމަށް ވެސް ޙަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ.
ޙަސަން ލަޠީފް ވިދާޅުވީ، ރައީސް ޔާމީނަށް މިވެރިކަން ދިފާޢު ކޮށްދޭނެ ބަޔަކު މިހާރު ނެތް ކަމަށެވެ. ރައީސް ޔާމީނަށް ތާޢީދެއް ވެސް ނެތް ކަމަށެވެ. އަދި ތާއީދު ނެތް ކަމުގައިވާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ނުހުންނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކޯޅުން ގަދަ ވެފައިވާ މި ދަނޑިވަޅުގައި، ބޭރުގެ ގިނަ ޤައުމު ތަކުން ދަނީ ރާއްޖޭގެ ޙާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.