އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ އަންހެނުން ޤައުމަށް ހަމަޖެހުން ގެނައުމަށް އެކުގައި މަސައްކަތް ފަށަން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މަޢުމޫން މިއަދު ގޮވާލައްވައިފި އެވެ.
ކޮންމެ ޕާޓީއެއްގައި ވެސް ވަރަށް އިސް ސަފުގައި އަންހެނުން ޙަރަކާތްތެރި ވަމުންދާއިރު ޤައުމުގެ އަމާންކަމާއި ހަމަޖެހުން ގެންނަން އަންހެނުންނަށް އިސް ދައުރެއް އަދާކުރެވޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު މި އޮތް ޙާލަތުން އަރައިގަނެވޭނީ މަޝްވަރާގެ މަގު އިޚްތިޔާރު ކޮށްގެން ކަމުގައި އަބަދުވެސް ވިދާޅުވަމުން ގެންދަވާ ދުންޔާ މިއަދު ވިދާޅުވީ، މަޝްވަރާ ކުރުމުގައި އަންހެނުންނަށް ވެސް ވަރަށް އިސް ރޯލެއް އަދާކުރެވިދާނެ ކަމަށެވެ.
އިދިކޮޅުގައި އަދި ސަރުކާރުގަ ވެސް އިސް މަޤާމުތަކުގަ އަންހެން ބޭފުޅުން ތިއްބެވި ނަމަވެސް މައްސަލަތައް ޙައްލުކުރުމަށް އެކަކު އަނެއްކަކާ ރީޗްވާ ތަނެއް ނުފެންނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މި ޙާލަތުން އަރައިގަތުމަށް އޮތް ޙައްލަކީ މަޝްވަރާ ކަމަށާއި އަމާންކަން އަލުން ގެނައުމަށް އެކަމުގައި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ އަންހެނުންނަށް އިސް ދައުރެއް އަދާ ކުރެއްވޭނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ބައްޕާފުޅު ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ހައްޔަރު ކުރެއްވި ފަހުން ދުންޔާ ވަނީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އެއަށްފަހު ދުންޔާ ވަނީ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ގޮވާލައްވަމުންނެވެ.
މިއަދުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ދުންޔާވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މަޝްވަރާތައް ކުރުމުގައި މެދުވެރިއެއްގެ ރޯލް އަދާކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ