ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރަމުން ދާއިރު ހިތްވަރުގަދަ އަންހެނުންގެ ކާމިޔާބީ ފާހަގަކޮށް އެވާހަކަ ދެއްކުމަކީ މިއަދުގެ މުނާސަބާއާއި ނުހަނު ގުޅޭ ކަމެއް ކަމަށް ދެކެމެވެ. ދުނިޔޭގެ އެކިކަންކޮޅުގައި އަންހެނުން ހޯދަމުންގެންދާ ކާމިޔާބީތަކުގެ ވާހަކަ ދެކެވޭއިރު އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖޭގައި، ކާމިޔާބުގެ މަތިފަޑީގައި ހަރަކާތްތެރިވާ އަންހެނުން މަދެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ބޭރުގެ ގައުމުތަކުގައި މަތީ ތައުލީމު ޙާސިލް ކުރާ ދިވެހި އަންހެންކުދިންގެ ގާބިލް ކަމާއި، ވިސްނުން ތޫނު ކަމާއި ހޯދާ މޮޅު ނަތީޖާއަކީ ދުނިޔޭގެ އެންމެން ދަންނަ ޙަގީގަތެކެވެ.
ސ.ހިތަދޫ ފަސްތަރި، ފާތިމަތު ލީނާ އަކީ ވެސް މިފަދަ ކާމިޔާބީ ހާސިލް ކުރި ދިވެހި ދަރިންގެ ތެރެއިން ހޮވާލެވޭ ފަޚުރުވެރި ދަރިއެކެވެ. އިންޑިޔާގެ ބެންގަލޫރުގެ ޔުނިވަރސިޓީން މާސްޓާސް އޮފް ސައިކޮލޮޖީން ގްރެޖުއޭޓުވެގެން ލީނާ ނިކުތީ މުޅި ޔުނިވަރސިޓީ އިން އެއްވަނަ އާއި އެކު މާސްޓާސް އޮފް ސައިންސް އިން ސައިކޮލޮޖީން އެ ޔުނިވަރސިޓީން ދޭ “ހަޔަސްޓް ރިކޮގްނިޝަން” ގެ ލަގަބާއެކުގައެވެ. މިއީ ހަމަގައިމުވެސް ރާއްޖެއަށް ލިބިގެން ދިޔަ ފަޚުރެކެވެ. ލީނާ އެފަސްގަނޑަކަށް ނިސްބަތްވާ އައްޑޫސިޓީއަށް ހޯދައިދިން ރީތި ނަމެކެވެ.
ނިމިގެން ދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު ބެންގަލޫރުގައި ބޭއްވި މި އުފާވެރި ހަފްލާގައި ލީނާއަށް ބައިވެރިނުވެވުނެވެ. ނަމަވެސް ހަފްލާއަށް ފަހު އިންޑިއާއަށް ގޮސް އޭނާ ހޯދި ކާމިޔާބީ އާއި އެވޯޑާއި ލީނާ ވަނީ ހަވާލުވެފައެވެ.
އާޗަރިއާ އިންސްޓިޓިއުޓުން ގްރެޖުއޭޓް ސްޓަޑީން އެއްވަނަ އާއި ބެންގަލޫރު ޔުނިވަރސިޓީގެ 3 ވަނަ އާއި އެ ޔުނިވަރސިޓީގެ ގޯލްޑް މެޑެލް ގެ އިތުރުން ލީނާ އަށް ވަނީ ކްލިނިކަލް ސައިކޮލޮޖީގެ އެވޯޑާއި މާސްޓާސް އޮފް ސައިންސް އިން ސައިކޮލޮޖީން އެ ޔުނިވަރސިޓީން ދޭ “ހަޔަސްޓް ރިކޮގްނިޝަން” އެވޯޑު ލިބިފައެވެ. ހަމަ މިއާއެކު ބެންގަލޫރުގައި ބޭއްވި އިންޓަނޭޝަނަލް ކޮންފަރެންސެއްގައި ލީނާ ހުށަހެޅި ސައިންޓިފިކް ރިސާޗްގެ މޮޅުކަމުން އެ ޔުނިވަރސިޓީން ވަނީ ލިނާގެ އެ މަސައްކަތް ޕަބްލިޝް ވެސް ކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން( އެންއައިއީ) އިން މިއަހަރު ބޭއްވި ޓީޗާސް ކޮންފަރެންސްގައި ލީނާ ވަނީ ސައިންޓިފިކް ރިސާޗްގެ ކަރުދާހެއްވެސް ހުށަހަޅާފައެވެ.
އައްޑޫސިޓީގެ ޝަރަފުއްދީން ސްކޫލުން ސާނަވީ ތައުލީމު ނިންމާ މިނިސްޓްރީ އޮފް ޖެންޑާގައި މަސައްކަތް ކުރުމަށް ލިބުނު ފުރުސަތަކީ މި ދާއިރާއަށް ލީނާ ޝައުގުވެރިވި ސަބަބު ކަމަށް ލީނާ ކިޔައިދިނެވެ. ޖެންޑާގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސެންޓަރ ގައި މަސައްކަތް ކުރުމަށް ފަހު އަމިއްލަ ގޮތުން އިންޑިއާއަށް ގޮސް ޑިގްރީއަށް ކިޔެވި ކަމަށް ލީނާ ބުންޏެވެ.
“ފީލްޑް އެކްސްޕޯޝަރ ފެނުނީމާ ދެން ހިތަށް އެރީ މިދާއިރާ ރަނގަޅުކުރުމަށް އެހީތެރިވެވިދާނެ އޭ. ޑިގްރީ ނިންމާލާފައި އައި އިރު ފުދޭވަރަކަށް ރަނގަޅު ފުރުސަތުތައް ލިބުނު. އެކަމަކު ބޭނުންވީ ސެންގައި މަސައްކަތް ކުރުމަށް. މިހާރުވެސް ކޮލިފިކޭޝަން އާއި އެއްވަރުގެ ހައި ޕޯސްޓްތައް ލިބޭ. އެކަމަކު ހަމަ ސެންގެ ދާއިރާއިން ކުރިއަށް ދާން ބޭނުން ވާތީ ސްކޫލެއްގައި ވޯކް މިކުރަނީ. ސްކޫލްގެ މުދައްރިސެއްގެ އިތުރުން އެންއައިއީގެ އިންކްލޫސިވް އެޑިޔުކޭޝަންގައި ލެކްޗަރަރ އެއްގެ ގޮތުގައި ވެސް ލީނާ ދަނީ މަސައްކަތް ކުރަމުންނެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭއިރު ދަރިވަރަށް ކިތަންމެ ކުޑަނަމަވެސް ބަދަލެއް ނުވަތަ ކުރިއެރުމެއް އަންނަތަން ފެނުމަކީ ލީނާ އެންމެ އުފާވާ ކަން ކަމަށް އޭނާ ބުންޏެވެ.
“ސެން އަކީ ވަރަށް ޚާއްޞަ ކްލާސްތަކެއް. ކޮންމެ ކުއްޖަކީ ކޮންމެވެސް ކަހަލަ ޗެލެންޖަކާއި ކުރިމަތިލާން ޖެހިފައި ތިބޭ ކުދިން. އެކުދިންނަށް ކުޑަ ނަމަވެސް ކުރިއެރުމެއް ލިބިގެންދާނީ މުދައްރިސަށް ވަރަށް ގިނަ މަސައްކަތް ކުރެވިގެން. އެފަދަ ކުރިއެރުމެއް ދަރިވަރަކަށް ލިބޭތަން ފެންނައިރު ލިބޭ ހިތްހަމަ ޖެހުމަކީ އާދައިގެ ކްލާހެއްގައި ކިޔަވައިދީގެން ލިބޭނެ ހިތްހަމަ ޖެހުމެއްނޫން. އެއީ ވަރަށް އުފާވާ ކަމެއް. ވަޒީފާގައި ހިތްހަމަ ޖެހޭވަރަށް މަސައްކަތް ކުރެވުނު ކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވޭ އެފަދަ ވަގުތުތަކުގައި” ލީނާ ކިޔައިދިނެވެ.
މީގެ ކުރިން ޝަރަފުއްދީން ސްކޫލުގެ ސެންޑިޕާޓްމަންޓުގައިވެސް މަސައްކަތް ކުރި ލީނާ މިހާރު ވަޒީފާ އަދާކުރަނީ ހުޅުމާލޭ ޣާޒީ ސްކޫލުގެ ސެންޑިޕާޓްމަންޓުގައެވެ. ލީނާ އެންމެ ކުރާހިތްވާ ކަމަކީ ކިޔަވައިދިނުމެވެ. ވަކިން ޚާއްޞަކޮށް ސެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ލީނާ އެންމެ ބޭނުން ކަމެވެ. މާސްޓާސް އަށް ކިޔަވަން ދިޔައިރުވެސް ލީނާ ހުރީ ހަމަ އެސްކޫލުގެ މުދައްރިސެއްގެ ގޮތުގައެވެ.
އައިސީސީއާރުގެ ސްކޮލަރޝިޕާއެކު ލީނާއަށް މި ލިބުނު ފުރުސަތުގައި އިންޑިއާއަށް ކިޔަވަން ދިޔައިރު 6 މަހުގެ ތުއްތު ކުއްޖަކާއި 7 އަހަރުގެ ކުއްޖަކު ހުއްޓެވެ. އާއިލާގެ އެހީތެރިކަމާއި ފިރިމީހާގެ އެއްބާރުލުން ލިބިގެން އާއިލާއަށް ވެސް ވަގުތުދީގެން ލީނާގެ ކިޔެވުން ކުރިއަށް ގެންދިޔައީ ހިތްވަރާއެކުގައެވެ. އަންހެނަކަށް ވެ ހުރެ އަދާ ކުރަންޖެހޭ އާއިލީ ހުރިހާ ޒިންމާއެއް ނަގަމުން ކިޔެވުމަށް ވަގުތު ހޯދަމުން ކުރި މަސައްކަތުގެ ނަތީޖާއަކީ އެތައް ސަތޭކަ ދަރިވަރުންނެއް ކިޔަވަމުން ދިޔަ ޔުނިވަރިސިޓީން ރަން ވަނައެއް ހޯދުމެވެ.
ލީނާގެ އުއްމީދުތައް ގުޅިފައިވަނީ ޚާއްޞަ އެހީ އަށް ބޭނުންވާ ކުދިންނާއެކީގައެވެ. މުސްތަގުބަލުގައި ލީނާ ދެކެން ބޭނުންވާ ދުވަހަކީ މިފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އަމިއްލަ ޔުނިޓެއް ގާއިމުކޮށް އެފަދަ މަސައްކަތެއް ފެށޭނެ ދުވަހަކަށެވެ. “އޭއޯ ނިއުސް” ގެ ފަރާތުން ލިނާއަށް އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދެމެވެ.