English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި މިހާރު ހިނގަމުންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ރޭގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާފައިނަލަށް މައިލޯ ސިޓީ ފުޓްބޯޅަ ކްލަބް ދަތުރުކޮށްފިއެވެ. އެ މެޗު އެޓީމުން ކާމިޔާބުކުރީ ޓައިޓަންސްއާ ބައްދަލުކޮށް 0-5 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މުބާރާތުގެ ކުއާޓާއަށް ދަތުރުކުރީ އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއްވަނަ ޓީމަކީ ފަސްގަނޑަ އެފްސީއެވެ. އެޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. ހިތަދޫ މަނިކު ދަނޑުގައި ކުޅުނު މެޗުގައިފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ސިޔާހު ޝާހުއެވެ. ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަލްފާފެވެ. އެޓީމުގެ ފަހު ތިންލަނޑު ޖެހީ ފަހުހާފުގައެވެ. އެލަނޑުތައް ޖެހީ އިސްމާއިލް ރިފާއުއާއި، އަލީ ސިޔާހުއާއި، އަލްފާފެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯ ސިޓީ ފުޓްބޯޅަ ކްލަބުގެ ސިޔާހުއެވެ. މިމުބާރާތުގެ ޗެމްޕިއަނުންނަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މައި ސްޕޮންސަރުންނަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމް އެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލްޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.