އިއްޔެ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ މިހާރުވެސް ސަރުކާރުން ހުށަހަޅާފައިވާ 9 ބިލެއް ‘ސްޓޮކްގައި’ އެބަ އޮތް ކަމަށެވެ. އޭގެތެރެއިން މިވަގުތަށް ފާސް ކުރެވެން ހުރި ޤާނޫނުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ
ބިލުތައް ސްޓޮކްގައި ބަހައްޓަން ޖެހޭ އެންމެ ބޮޑު ސަބަބެއް ކަމުގައި ނިހާން ވިދާޅުވެފައިވަނީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވަންނަކަމެވެ. އެގޮތަށް އެ މެމްބަރުން ކަންތައް ކުރުމުގެ ސަބަބުން ޤާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުން އެ އެއްޗެއްގެ މައްޗަށް ޢަމަލު ކުރަންޖެހޭ ޤާނޫނުތައް މަޖިލީހުން ފާސްކުރާއިރު 43 މެމްބަރުން ތަޅުމުގައި ތިބެންޖެހޭ ކަމަށް ބުނާ ޝަރުތު ފުރިހަމަ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ
ޤާނޫނު އަސާސީއާއި ޚިލާފަށް ސަރުކާރުން ބިލެއް ފާސް ނުކުރާނެ ކަމަށާއި، އެހެން ކަމުން މިވަގުތަށް ކުރިޔަށް ގެންދަނީ ފާސްކުރެވެން ހުރި ބިލުތަކުގެ މަސައްކަތްތައް ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ
ނިހާން އިތުރަށް ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހަށް ސޮއިކޮށްލާފައި ގޮސް ބޭރު ކުޑަ ދަށުގައި ތިބޭ ކަމަށެވެ. ކޮމިޓީއަށް ވެސް ސޮއި ކޮށްލާ ބަރާބަރަށް މުސާރަ ނަގާ ކަމަށެވެ. އެކަމަކު ރައްޔިތުން އެމީހުން އިންތިޚާބު ކުރި ބޭނުން ފުރިހަމަ ކުރެވޭތޯ މިއީ ހަމަ ސުވާލު އުފައްދަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ
ނިހާން މިގޮތަށް ވިދާޅުވެފައިވާ އިރު އިދިކޮޅު މަޖިލީހުގެ މެމްބަރުން އެބެފޭޅުން މަޖިލީހުގެ ތަޅުމަށް ނުވަންނަ ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ ތަޅުމަށް ނުވަދެވުމެވެ. މީގެ އިތުރުން ޖަލުގައި ބަންދު ކުރެވިފައިވާ އިދިކޮޅު މެމްބަރުންނަށް މަޖިލީހަށް ނުވަދެވުމަކީވެސް އެބޭފުޅުން މަޖިލީހުގެ ތަޅުމަށް ނުވަންނަ ސަބަބެއް ކަމަށް ވަނީ ބުނެފައެވެ