English Edition
Dhivehi Edition

ބާޒާރުގައި ބްލޫބެރީގެ އަގު މަތިވާ ސަބަބަކަށް ވަނީ، ތާޒާ ބްލޫބެރީ އަކީ އެހެން މޭވާއާއި އަޅާބަލާ އިރު އަތުން ބިނދެފައި ހުންނަ އެއްޗަކަށް ވާތީ އެވެ. މިކުލަގަދަ މޭވާއަކީ ކުޑަ ނަމަވެސް ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ބެރީސްގެ އެހެން ވައްތަރުތަކާ ބަލާއިރު އެހާމަޝްހޫރު ނުވިނަމަވެސް، ބްލޫބެރީ އަކީ ދުނިޔޭ އެންމެ ފައިދާގިނަ އެންޓިއޮކްސިޑެންޓް އެކުލެވޭ އެއް މޭވާ އެވެ. އަދި މިމޭވާ އަކީ ސިކުނޑިއާއި ހިތުގެ ސިއްހަތަށް ވަރަށް ފައިދާ ކުރާ މޭވާއެއްކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މިމޭވާ އަކީ ފައިދާގެ އިތުރުން ވަރަށް ފޮނި،ކެލޮރީ މަދު، އެހާމެ މީރުމޭވާއެކެވެ

ބާޒާރަށް ގޮސް ބްލޫބެރީގަނެގެން ގެއަށް އައިސް ބޭނުން ކުރުމުގެކުރީން ދޮވެލަން ބޭނުންވަނީ އޭގައިހުންނަ ހުދުކުލައިގެ ކުނޑިއެކެވެ. އެ ހުދުކުލައިގެ ކުނޑީގެ ހަގީގަތް އިނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްބޭފުޅުންނައްތޯ އެވެ؟

އިނގިރޭސި ވިލާތުގެ ޝެފެއްކަމަށްވާ “މެޓް ޓެބަޓް” ވަނީ ބްލޫބެރީގެ ބޭރުގައި ހުންނަ ކުނޑީގެ ހަގީގަތް ދާދިފަހުން ހޯދާފައެވެ. މިޕައުޑަރ އަކީ އެއިން އެއްވެސް ގެއްލުމެއް އިންސާނުންނަށް ވާނެއެއްޗެއްނޫން ކަމަށް އޭނާ ބުނެއެވެ. ފަސޭހަ ކަމަމާއެކު ދޮވެލެވޭ އެ ކުނޑި އަށް ދީފައިވާ ނަމަކީ “ބްލޫމް” ކަމުގައި މެޓް ބުނެފައިވެއެވެ. ބްލޫ ބެރީގެ ބޭރުގައި ހުންނަ “ބްލޫމް” އަކީ ބްލޫބެރީ ގެ ބޭރު ތޮށިގަނޑަށް ދިމާވާ އެކި އެކި ގެއްލުން ތަކާއި ބަލިތަކުން ރައްކާތެރި ކޮށްދޭ އެއްޗެއްކަމަށް މެޓްގެ ހޯދުންތަކުން އެނގިފައި ވެއެވެ. މީގެ އިތުރަށް ބްލޫބެރީގެ ބޭރު ތޮށިގަނޑަށް ޖެހޭ ފަންގަލް ބަލިތަކުން އަދި ބޭކްޓީރިއާ އިން ވެސް ސަލާމަތް ކޮށްދެއެވެ

މެޓްގެ ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި ހުރިހާ މޭވާތަކުގައި ބްލޫމް ގެ ފަށަލައެއް ލެވިފައިވާނެއެވެ. ބްލޫބޭރީ އިން މާފާޅުކޮށްހުދު ކުނޑި ފެންނަނީ އޭގެ ކުލަ މާގަދަވުމުން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ބްލޫބެރީ ތާޒާކަންމަތީ ހުންނަނީ މިކުނޑީގެ ސަބަބުން ކަމަށްވީތީ ބޭނުން ކުރަން ވުމުން ނޫނީމޭވާ ނުދޮތުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ