English Edition
Dhivehi Edition

ހަށިގަނޑު ބައްޓަން ކުރުމަށް މަސައްކަތް ކުރުމަކީ ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ހުއްޓާނުލާ ކަސްރަތުކޮށް ތަފާތު ބުއިންތަކާ ކާނާ ބޭނުން ކޮށްގެން މިހާރު ވަރަށް ގިނަމީހުން ބަރުދަން ލުއިކުރެއެވެ. އެގޮތުން “ގްރީންޓީ” އަކީ ވެސް ޑައެޓް ކުރުމުގައި ވަރަށް ގިނަމީހުން ބޭނުން ކުރަމުން އަންނަ ބުއިމެކެވެ. ގްރީންޓީ ބޯނަމަ ބޯންޖެހެނީ ދުވާލަކަށް 2 ތަށި ނޫނީ 5 ތަށްޓެވެ. އެއަށް ވުރެ ގިނައިން ގްރީންޓީ ބޭނުން ކުރުން އެދެވިގެން ނުވެއެވެ. ގްރީންޓީ ބޭނުން ކުރާ ފަރާތްތަކުން ސަމާލު ވާންވީ ކަންތައްތަކެއްވެސް އެބަހުއްޓެވެ. ތިރީގައި މިވަނީ ގްރީންޓީ ބޯނަމަ ސަމާލުވާން ޖެހޭ ބައެއްކަންތަކެވެ.

1- ކެއުމަށްފަހު ވަގުތުން ގްރީންޓީ ނުބޯށެވެ:-

ގްރީންޓީ ބުއިމުގައި ނޭނގިނަމަވެސް ހެދޭ އެންމެ ބޮޑު އެއްގޯހަކީ، ކެއުމަށްފަހު ވަގުތުން ގްރީންޓީ ބުއިމެވެ. ކެއުމަށްފަހު ގްރީންޓީ ވަގުތުން ބޯނަމަ ކެއުމުގައި ބޭނުން ކުރި ކެލޮރީސް ކޮޅު ގެއްލިގެންދާނެއެވެ. ކެއުމުގައި ބޭނުން ކުރި ޕްރޮޓީން ހަށިގަނޑުން ހަޖަމުނުކުރެވެނީސް ޕްރޮޓީންގެ ފައިދާ ގެއްލިގެން ދިޔުމަކީ ހަށިގަނޑަށް ގެއްލުން ވެދާނެކަމެކެވެ.

2- ހޫނުކޮށް ނުބުއިން :-

މާ ހޫނުގަދަކޮށް ގްރީންޓީ ބުއިމުން އޭގައި ހުންނަ އަސްލު ރަހަ ނޭނގޭނެއެވެ. އަދި މާހޫނުގަދަކޮށް ބުއިމުން ގޮހޮރާއި ކަރުތެރެ ސަކަރާތް ވެއެވެ. މިސައި ބޯން އެންމެ ރަނގަޅީ ކެތްވާވަރު ހޫނުމިނެއްގައި ސައި ތައްޔާރު ކޮށްގެންނެވެ.

3- ހުސްބަނޑާހުރެ ބުއިން :-

ގްރީންޓީ އަކީ ހަށިގަނޑު ޑިޓޮކްސް ކޮށްދޭ އެއްޗަކަށްވާއިރު މި ސައި ހުސްގޮހޮރާ ހުރެ ބުއިމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގިނަ މީހުންނަށް އޮންނަނީ ވިސްނިފައެވެ. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ގޯހެކެވެ. ގްރީންޓީ އަކީ އެންޓިއޮކްސިޑެންޓް ހިމެނޭ އެއްޗަކަށް ވާއިރު ހުސްގޮހޮރާ ހުރެ ބުއިމުން ގޮހޮރުގައި ގޭސްހެދި ހަޖަމުވުމަށް އުނދަގޫވެއެވެ. ގްރީންޓީ ބޯން އެންމެ ރަނގަޅީ ކެއުމަށްފަހު ގަޑިއެއް ހާއިރު ފަހުންނެވެ.

4- ގްރީންޓީ ހޫނުކޮށް ހުއްޓާ މާމުއި އެޅުން:-

ގްރީންޓީ ތައްޔާރު ކުރާއިރު ގިނަމީހުން ހަކުރުގެ ބަދަލުގައި މާމުއި އަޅާތަން ފެނެއެވެ. ސައި ތައްޔާރު ކުރާއިރު ހޫނުކަން ހުއްޓާ މާމުއި އެޅުމަކީވެސް ނޭނގި ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ހޫނު ފެނަށް މާމުއި އެޅުމުން މާމުއިގައި ހުންނަ ފައިދާ ގެއްލެއެވެ. އެހެން ވީމާ ރަނގަޅުގޮތަކީ ސައިތަށި ކޮންމެވެސް ވަރަކަށް ހިހޫވުމުން އެއަށް މާމުއި އަޅައިގެން ބުއިމެވެ.

5- ގްރީންޓީ އާއެކު ބޭސް ބޭނުން ނުކުރުން :-

ހެންދުނު ހޭލާގޮތަށް ގްރީންޓީ ބޭނުން ކުރާ ބައެއްމީހުން އެއާއެކު ބޭސްބޭނުން ކުރެއެވެ. މިއީ ހެދޭ ބޮޑު ގޯހެކެވެ. ބޭހުގައި ހުންނަ ކެމިކަލް އާއި ގްރީންޓީ އެއްވުމުން ބަނޑުގައި ގޭސްހެދި މައްސަލަތައް ދިމާވެއެވެ. އެއްވެސް ބޭހެއް ބޭނުން ކުރާނަމަ އެންމެ ރަނގަޅީ ހުސްފެނާ އެކު ބޭސްކެއުމެވެ.

ގްރީންޓީ ތައްޔާރު ކުރާއިރު ފަތް މާގިނައިރު ފެނުތެރެއަށް ފޯކުރުމަކީވެސް އޭގައި ހުންނަ ނިއުޓްރިއެންޓް މާގިނައިން ފެނުގެތެރެއަށް ފޯވުމުން ރަހަ ބަދަލުވެ ސައި ނުބައިވާ ކަމެކެވެ. ގްރީންޓީ ބޯނަމަ ތަނަކަށް ދާންލަސްވެގެން އަވަސްއަރުވާލައިގެން ބުއިމުގެ ބަދަލުގައި ހަމަ ޖެހިލައިގެން ހުރެބުއިން ރަނގަޅުކަމަށް ސިއްހީ މާހިރުން ބުނެއެވެ.