English Edition
Dhivehi Edition

“ކައިށާ ފެޑުން3” ގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު އެފްސީ ހިތްވަރު ކާމިޔާބުކޮށްފިއެވެ. މީދޫ ފުޓްސެލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗު އެފްސީ ހިތްވަރުން ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުން ވައި ނޮޓް ފިޓް އާއި ބައްދަލުކޮށެވެ. އެފްސީ ހިތްވަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމުން ޖެހި 4 ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ސަބާހުއެވެ. އެފްސީ ހިތްވަރު ހިފެހެއްޓުމަށް ވައިނޮޓް ފިޓް އިން ގިނަ މަސައްކަތެކެއް ކޮށްފައިވާއިރު އެފްސީ ހިތްވަރުންވަނީ ވައި ނޮޓް ފިޓްގެ ޑިފެންސް ލައިން ފޫ އަޅުވާލުމަށްފަހު ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ހިތްވަރުގެ ސަބާހުއެވެ. މީގެ އިތުރުން އަދި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގެ ނަތީޖާ އަށް ބަލާއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި ސަބާހު ހިމެނެއެވެ. މި މުބާރާތުގައި އެފްސީ ހިތްވަރު ކުޅުނު އެއް މެޗުން އެއް ވަރުވެފައިވާއިރު އެއް މެޗުން ވަނީ ބަލިވެފައެވެ. އެހެން ކަމުން މީ މި މުބާރާތުގައި އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ. މީދޫގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ވައި ނޮޓް ފިޓް މުބާރާތުގެ އެއްވެސް މެޗަކުން މޮޅުވެފައި ނުވާއިރު ދެން އެ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ އެފްސީ ޑްރިބުލް އާއެވެ. މީ މި މުބާރާތުގައި ވާދަކުރާ އެންމެ މޮޅު އެއްޓީމެވެ. އެފްސީ ޑްރިބުލް ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ވަނީ މޮޅުވެފައެވެ.