English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ ރޭގެ ތިންވަނަ މެޗުގައި ޓީމް ފެނަކައާއި، ޖެލެންޖާސް ބައްދަލުކުރި މެޗު 3-3 ލަނޑުން އެއްވަރު ވެގެން ނިމިއްޖެއެވެ. މިއީ ދެޓީމަށްވެސް މުހިންމު މެޗެއްނޫނެވެ. އެއީ ދެޓީމް މި މެޗަށްނުކުތްއިރުވެސް މުބާރާތުން ކަޓައިފައިވާތީއެވެ. އަދި މި މެޗަކީ މިމުބާރާތުގައި އެދެޓީމުގެވެސް ފަހުމެޗެވެ. ވެހެމުންދިޔަ ވިއްސާރައިގައި ކުޅުނު އެމެޗު ފުރަތަމަ ލަނޑުޖެހީ ޗެލެންޖާސްއިންނެވެ. އެލަނޑު ޖަހައިދިނ އައުރާފް ލަތީފެވެ. އިތުރަށް ލީޑުފުރާ ކުރުމަށް ދެ ޕެނަލްޓީއެއްވެސް އެޓީމަށް ލިބުނެވެ. އެހެންނަމަވެސް ރަނުގެ އެފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް އެޓީމަށްނުވިއެވެ. ދެޕެނަލްޓީ ނާކާމިޔާބުވުމުން ލިބުނު މާޔޫސް ކަމުގައި ތިއްބައި ފެނަކައިގެ ވިފާގު ވަނީ ލަނޑެއްޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ. ހާފް ނިމުމުގެކުރިން ޗެލެންޖާސްގެ ނާސިހު ވަނީ ލަނޑެއްޖަހައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ޗެލެންޖާސް ލީޑުގައި އޮވެގެންނެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް ވިފާގު ވަނީ ފެނަކައަށް އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ތިންވަނަ ފަހަރަށްވެސް ލީޑުނެތީ ޗެލެންޖާސްއިންނެވެ. އެޓީމަށް އެލަނޑު ޖަހައިދިނީ އައްޒާމެވެ. ފެނަކައަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީވެސް ވިފާގެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ވިފާގެވެ. އޭނާވަނީ ހެޓްރިކެއް ހަދައިފައެވެ. މި މުބާރާތުގައި މިރޭ ހަތަރު މެޗު ކުޅޭނެއެވެ. މެޗުތައް ފަށާނީ 20:00 ގައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.