English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި ބާއްވަމުންގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ ރޭގެ ދެވަނަ މެޗު ސިއާންސް އެފްސީއާ އެއްވަރުކޮށް ސްކޫޕް ކަންމަތި ކުއާޓަރ ފައިނަލުން ފުރުސަތު ހޯދައިފިއެވެ. ރޭ ކުޅުނު ދެވަނަ މެޗު އެދެޓީމުން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗު އެއްވަރުވުމުން މިދެޓީމުންކުރެ ކޮންމެ ޓީމަކަށްވަނީ 4 ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް ސްކޫޕް ކަންމަތިން ކުއާޓަށްއަށް ދަތުރުކުރީ ފައިދާ ތިން ގޯލުންނެވެ. އެޓީމް ކުއާޓަރއަށް ދިޔައީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ ފެލްކަންސްއެވެ. އެޓީމަށް ބާކީ އަދި އެއް މެޗު އެބައޮތެވެ. އެޓީމުން މިހާތަނަށް ކުޅުނު ދެ މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ ސްކޫޕް ކަންމަތީގެ އަހުމަދު މުހައްމަދެވެ. ނަތީޖާ އެއްވަރުކުރި ލަނޑު ސިއާންސް އެފްސީއަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގެ ކުރީކޮޅު ރާއިދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.