މަޝްހޫރު ވިޔަފާރިވެރިޔާ ގ.މަނާމް އިބްރާހިމް މުޙައްމަދު ދީދީ (ޑީޑީ) އަކީ މުޅި ރާއްޖޭގެ އެންމެން ދަންނަ ނަމެކެވެ. ރާއްޖެ ފިޔަވައި ބޭރު ދުނިޔޭގައި ވެސް ގިނަ ބަޔަކު ދަންނަ ،ރާއްޖެއާއި ރާއްޖެއިން ބޭރުގައި އަމިއްލަ ވިޔަފާރި ހިންގަވާ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް އަގުނުކުރެވޭފަދަ ފަދަ ބޭނުންތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ޚިދުމަތްތެރިއެކެވެ. އަމިއްލަ ކުންފުނިތަކާއި އަމިއްލަ ރިސޯޓު ތަކުގެ އިތުރުން ރާއްޖޭއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކުގެ ހިއްސާ އޮންނަ، އެތައް ކުންފުންޏެއްގެ ޑިރެކްޓަރ ގެ މަގާމު ފުރުއްވަވާ، ހިނގުންތެރި މޭސްތިރިއެއްވެސް މެއެވެ. މި ހުރިހާ ޚިދުމަތްތަކާއެކު ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވާ، އިބްރާހިމްދީދީ އަށް ވަނީ ހިޔުމަން ރިސޯސް (އެޗްއާރު) މޯލްޑިވްސްގެ ފަރާތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑުވެސް އަރުވާފައެވެ.
1973 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލް ކުރެއްވުމަށް ފަހު އަމިއްލަ އަތޮޅު ކަމަށްވާ އައްޑޫއަށް ޑީޑީ އެނބުރިވަޑައިގެންނެވިއެވެ. އެއީ އިނގިރޭސިން އައްޑޫގައި ތިބި ދުވަސްވަރު ކަމަށް ވުމާއެކު ގަމުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ޑީޑީއަށް ލިބިވަޑައިގެންނެވިއެވެ. އޭގެ ފަހުން އައްޑޫން އިނގިރޭސިން ފޭބުމާއެކު އެތަނުގައި އޭރު ތިއްބެވި މަދު މުވައްޒަފުން ކޮޅަކާއެކު ޑީޑީ މާލެ ވަޑައިގެންނެވީއެވެ.
އެދުވަސްވަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ މަސައްކަތް ތައާރަފް ފަށައިގަތް ދުވަސްވަރު ކަމަށް ވުމާއެކު ދާއިރާ ކުރިއަށް ގެންދިއުމުގައި ހުރި ދަތިތައް ފާހަގަކުރެވި އެދާއިރާ ތަރައްގީކުރުމަށް ޝައުގުވެރިކަން އުފެދުނު ކަމަށް ޑީޑީ ވިދާޅުވިއެވެ. .
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަވަން ފެއްޓެވި އިބްރާހިމް ދީދީ ވަނީ މި ދާއިރާގައި ރާއްޖެއަށް ބޭނުންތެރި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަވާފައެވެ.
އެ ގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު އެއް ރެސޯރޓް އެއްކަމުގައިވާ ޅޮހިފުށި (ހުދުރަންފުށި) ރިސޯރޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވާ މި ޕްރޮޖެކްޓް ހަގީގަތަކަށް ހެއްދެވި އެއްބޭފުޅެއްގެ ގޮތުގައި ޑީޑީ ހިމެނިވަޑައިގަންނަވައެވެ.
ތަފާތު ގިނަ މަސައްކަތްތަކުގެ ތެރެއިން ޑީޑީ ކުރައްވަމުން ގެންދެވި އެންމެ ފާހަގަކޮށްލެވޭ އެއްމަސައްކަތަކީ ރިސޯޓު ސަޕްލައިއެވެ. ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން ގެންނަވާ ރިސޯޓުތަކަށް ސަޕްލައި ކުރުމަށް ފެއްޓެވި ވިޔަފާރި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުޅާވެގެން ދިޔައެވެ. ޑީޑީގެ މި މަސައްކަތް ވެގެން ދިޔައީ ރާއްޖޭގައި ރިސޯޓު ތައް ހިންގަވަމުން ދިޔަ ފަރާތްތަކަށް ލިބިގެން ދިޔަ ބޭނުންތެރި ޚިދުމަތަކަށެވެ.
ޑީޑީގެ މި ވިޔަފާރި ފުޅާވެ 2001 ވަނަ އަހަރު ޑީޑީ އާއި އަނބި ކަބަލުން ޑރ މަރިޔަމް ޝަކީލާ އާއި ދެބޭފުޅުންގެ ބުރަމަސައްކަތާއިއެކު ސިމްޑީ ކުންފުނީގެ ނަމުގައި ކުންފުންޏެއް އުފައްދަވައި އެކުންފުނީގެ ދަށުން މަސައްކަތް ފެއްޓެވިއެވެ. ކުންފުނީގެ ޗެއަރމަނަކީ ޚުދު، ޑީޑީ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޑީޑީ ކުރެއްވެވި ޚާއްޞަ އެއް މަސައްކަތުގެ ގޮތުގައި “ވަންއެންޑް އޮންލީ ކަނުހުރާ” ގެ ކާމިޔާބީ ފާހަގަކޮށްލެވެއެވެ. “ވަން އެންޑް އޮންލީ” ބްރޭންޑް ތައާރަފް ކުރައްވައި މި ބްރޭންޑް ގެ ފުރަތަމަ ރިސޯރޓް ” ވަން އެންޑް އޮންލީ ކަނުހުރާ” ރާއްޖެ އަށް ތައާރަފް ކުރެއްވީ ޑީޑީ އެވެ. މިއީ މި ފެންވަރުގެ ފަސް ތަރީގެ ރިސޯރޓެއް ރާއްޖެ އަށް ތައާރަފް ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި ބޮޑު ހޭދައެއްކޮށްފައި ވެސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން ޖެހިލުންނުވާ ފެންވަރުގެ ރިސޯރޓެއް ހުޅުވާލެވުނުވެސް ފުރަތަމަ ފަހަރެވެ. “ވަން އެންޑް އޮންލީ” ކަނުހުރާ ލިމިޓެޑް ކޮމްޕެނީގެ ޗެއަރމަން ކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވެވި މަސައްކަތުން އެ ރިސޯޓަކީ ދުނިޔޭގެ ލީޑިންގ ލަގްޒަރީ ރިސޯޓުގެ ގޮތުގައި ހިމެނި “ބެސްޓް ޑިޒައިންޑް ހޮޓެލްސް އިން އޭޝިއާ، އޮސްޓްރޭލިއާ އެންޑް ނިއުޒީލެންޑް 2001″ ގެ އެވޯޑާއި ” ހައިޑް އަވޭ އޮފް ދަ ޔިއާރ 2001″ ގެ އެވޯޑު ވަނީ ހޯދާފައެވެ.
ސިމްޑީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ޑިމްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ކަވްރީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، އަލްޓަފް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ނަން މަޝްހޫރު ކުންފުނިތަކަކަށް ވެފައިވަނީ، ޑީޑީގެ ގާބިލް ކަމާއި ހީވާގި ހިންގުންތެރި ކަމުގެ ސަބަބުންނެވެ. މި ކުންފުނި ތަކުން ވަޒީފާގެ ގިނަ ފުރުސަތު އުފައްދަވައި ރާއްޖޭގެ ޒުވާނުންނަށް އެފުރުސަތުތައް ވަނީ ފަހިކޮށް ދެއްވަވާފައެވެ.
މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑާއި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ ބޯޑު، ދަ އެގްޒެކްޓިވް ބޯޑު އޮފް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، ދަ އެގްޒެކްޓިވް ބޯޑު އޮފް އިންސްޓިޓިއުޓް އޮފް ހޮޓެލް އެންޑް ކޭޓަރިންގ ސަރވިސް ގެ ބޯޑު މެމްބަރެއްގެ ގޮތުގައި ޑީޑީ ވަނީ މަސައްކަތް ކުރައްވަވާފައެވެ.
1990 ވަނަ އަހަރު ޑީޑީ ވަނީ ރައީސުލް ޖުމުހޫރިއްޔާގެ ކޮންސަލްޓޭޓިވް ކޮމެޓީގައި މަސައްކަތް ކުރައްވަވާ އަދި ސައުތު އެޝިއަން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ގައުމީ ކޮމެޓީގެ ވައިސް ޗެއަރމަންގެ މަގާމު ވެސް ފުރުއްވަވާފައެވެ.
2008 ވަނަ އަހަރުން ފެށިގެން އައިސްލޭންޑްގެ ރާއްޖޭގެ އޮނަރަރީ ކޮންސަލް އަކީ ވެސް ޑީޑީ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޑީޑީ ކުރައްވަވާ މަސައްކަތް ފާހަގަކުރައްވަވައި މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި މެދުނުކެނޑި 25 އަހަރު ޚިދުމަތް ކޮށްދެއްވަވާފައިވާތީ އެކަމުގެ އަގު ވަޒަންކޮށް އެވޯޑުވެސް އަރުވާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ސިއްޙީ ދާއިރާއަށް ވެސް އިބްރާހިމްދީދީ ދަނީ ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތް ތަކެއް ކޮށްދެއްވަވަމުންނެވެ. މިގޮތުން ސިމްޑީ ކުންފުނިން އައްޑޫގައި ހިންގަވާ އައިއެމްޑީސީ ހޮސްޕިޓަލަކީ ޑީޑީ އެފަސްގަނޑަކަށް ނިސްބަތްވެ ވަޑައިގަންނަވާ އައްޑޫސިޓީގެ ރައްޔިތުންނަށް ލިބިގެންދާ ނުހަނު ބޭނުންތެރި ޚިދުމަތެކެވެ. އަނބިކަނބަލުން ޑރ މަރިޔަމް ޝަކީލާގެ ވެސް ހިއްސާ އޮންނަ ސިމްޑީ ކުންފުނިން އައްޑޫގެ ރައްޔިތުންނަށް ހޮސްޕިޓަލާ ގުޅޭގޮތުން ދާދި ފަހުން ވަނީ އުފާވެރި ޚަބަރުތަކެއްވެސް ގެނެސްދެއްވަވާފައެވެ.
އިންޑިއާގެ ބިލިއަނަރު އަބީޝޭކް ވަރުމާގެ އޮލިއާލިއާ ވޯލްޑާ ގުޅިގެން، ސިމްޑީގެ ވިޔަފާރި ފުޅާކުރުމަށް ނިންމައި، އެ އެއްބަސް ވުމުގެ ދަށުން އައިއެމްޑީސީ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ވެސް ވަނީ ހަމަ ޖައްސަވާފައެވެ. ސިމްޑީ އާއި އޮލިއާލިއާ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އައިއެމްޑީސީ ހޮސްޕިޓަލް “އޮލިއާލިއާ އައިއެމްޑީސީ ހޮސްޕިޓަލް” އަށް ބަދަލުކޮށް، އޮލިއާލިއާ ހެލްތްކެއާގެ ދަށުން ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ހަމަ ގައިމުވެސް އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަން ޔަގީނެވެ!!
ޑީޑީ ގެ މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވާ ސިއްރަކީ ކޮބައިތޯ “އޭއޯނިއުސް” އިން ކުރެއްވެވި ސުވާލަށް ޖަވާބު ދެއްވަވަމުން ޑީޑީ ވިދާޅުވީ އެއީ ހިތްވަރާއި އެކު މިންނެތް މަސައްކަތް ކަމަށެވެ.
ސިމްޑީ ގުރޫޕުގައި މަސައްކަތް ކުރައްވަވާތާ ގިނަ ދުވަސް ވީ އެއް މުވައްޒިފެއް ކަމަށްވާ އެކުންފުނީގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރ އަޙްމަދު އިރާޝް ވިދާޅުވީ ޑީޑީ އަކީ މުވައްޒަފުންނަށް ނުހަނު ހެޔޮ، ކަމޭހިތްތަވާ މުވައްޒަފުންގެ ހުރިހާ ބޭނުންތަކަކަށް އިޙުތިރާމު ކުރައްވަވާ “އިންސްޕްރޭޝަނަލް” ލީޑަރ އެއް ކަމަށެވެ.
“ޑީޑީ އަކީ ވަރަށް އިންސްޕްރޭޝަނަލް ބޭފުޅެއް. ވަޒީފާގެ މާހައުލުގައި ހުރިހާ ސްޓާފުންނާ އަދި މެނޭޖްމަންޓާ ވަރަށް ގާތުން މަސައްކަތް ކުރައްވަވާ ބޭފުޅެއް. ގަޑިއަށް ކަމޭ ހިތުމާއި ވަޒީފާގައި ގެންގުޅެން ޖެހޭ އަޚުލާގާއި މީހުނަށް ކަމޭހިތުމާއި މިފަދަ މުހިއްމު ހުރިހާ ސިފަތައް އަޕްހޯލްޑް ކުރައްވަވާ ބޭފުޅެއް އެއީ” އިރާޝް ވިދާޅުވިއެވެ.
އިރާޝް ވިދާޅުވީ މިދާއިރާގައި އެޗް އާރު ލިޑަރގެ ފުރަތަމަ އެވޯޑް ލިބެން އެންމެ ހައްގު އެއް ބޭފުޅަކީ ޑީޑީ ކަމަށެވެ.
ޑީޑި އަކީ މުވައްޒަފުންގެ ތެރެއިން ޓޮޕް މެނޭޖްމަންޓުން ފެށިގެން ކުންފުނީގެ އެންމެ އާދައިގެ މުވައްޒަފުންނާ ވެސް ގާތް ގުޅުމެއް ބާއްވަވާ އާއިލީ ބޭފުޅުންހެން މުވައްޒަފުންނަށް ކަމޭ ހިތްތަވާ މުވައްޒަފުންގެ ކަންކަމަށް ސަމާލުކަން ދެއްވަވާ ހެޔޮ ބޮސް އެއްކަމަށް ހުރިހާ މުވައްޒަފުން ބުނެއެވެ.
ވިޔަފާރީގެ އިތުރުން ޑީޑީ އަކީ އާއިލާއާއެކު ގާތް ގުޅުމެއް ބާއްވަވާ އާއިލާއަށް ވަގުތު ހުސްކޮށްދެއްވަވާ ބޭފުޅެކެވެ. މަސައްކަތްތަކުގެ ބުރަކަމާއެކު ވެސް ޑީޑީ އާއިލާއާއެކު ހޭދަކުރައްވަވާ ޗުއްޓީ ތަކާއި އުފާވެރި ވަގުތުތައް ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވަވައެވެ. ޑީޑީ އަކީ ނަމޫނާ ބައްޕައެއްގެ އިތުރުން ނަމޫނާ ފިރިކަލެކެވެ.
އަނބިކަނބަލުން ޑރ މަރިޔަމް ޝަކީލާ އާއި ޑީޑީ އާއި ދެބޭފުޅުން ނަކީ ވެސް ނުހަނު ބިޒީ ޝެޑިއުލްގައި މަސައްކަތް ކުރައްވަވާ ދެބޭފުޅުން ކަމަށް ވެ ވަޑައިގަންނަވާއިރުވެސް ދެބޭފުޅުން އެކުގައި ހޭދަކުރައްވަވާ އާއިލީ ޗުއްޓީ ތަކަކީ މިފަދަ ބުރަމަސައްކަތްތަކުގައި އަވަދިނެތި މަސައްކަތް ކުރައްވަވާ އެހެން ފަރާތްތަކަށް ވެސް ހަމަ ނަމޫނާއެކެވެ!