English Edition
Dhivehi Edition

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ 30 އާއި ލޯބިވެރިޔާ އެންޓޮނެއްލާ ރޮކޫޒޯ 29 ގެ ކައިވެނި ކުލަގަދަ ހަފްލާއަކާއެކު ބާއްވައިފިއެވެ. މި ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ އާޖެންޓީނާގެ ރޮޒެރިއޯގެ ލަގްޜަރީ ހޮޓަލެއްގައެވެ.ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި އެކު 260 މެހެމާނުން ވަނީ ބައިވެރިވެފައެވެ. އަދި ހަފްލާގެ ސެކިއުރިޓީ ކަންތައް ބެލެހެއްޓުމަށްޓަކައި އެތައް ސަތޭކަ ބަޔަކު ވަނީ ހަރަކާތްތެރިވެފައެވެ. މެސީގެ ކައިވެނީގެ ހަފްލާއަށް ދައުވަތު އެރުވި ލިސްޓުގައި ބާސެލޯނާގެ މުޅި ސްކޮޑާއި އާޖެންޓީނާގެ ގައުމީ ޓީމުގެ ސްކޮޑް ހިމެނެއެވެ. މީގެ އިތުރުން ލުއިސް ސުއަރޭޒް، ނޭމާ، ޖެރާޑް ޕީކޭ ފަދަ މަޝްހޫރު ގިނަ ފަރާތްތަކެއް ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ. މެސީގެ ކައިވެނީގެ ހަފްލާ ކަވަރުކުރުމުގެ ހުއްދަ ލިބުނީ،150 ނޫސްވެރީންނަށެވެ. އެ ފަރާތްތަކަށް ވެސް ފާސްދޫކޮށްފައި ވަނީ ވަކި ހިސާބަކަށް ވަދެވޭ ގޮތަށެވެ. 2008 ވަނަ އަހަރުން ފެށިގެން މިދެމީހުން އެކު ދިރިއުޅެމުން އަންނަ އިރު މެސީއަށްވަނީ ދެކުދިން ލިބިފައިވެއެވެ. ހަތަރު އަހަރާއި 1 އަހަރުގެ މިދެ ފިރިހެންކުދިން ވެސް އުފަންވެފައި ވަނީ ސްޕެއިންގެ ބާސެލޯނާގައެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވާ ފަރާތަކަށް މެސީ ބުނެފައިވަނީ އެމީހުންނަށް އެއްވެސް ހަދިޔާއެއް ނުދިނުމަށެވެ. އަދި ހަދިޔާ ދޭން ބޭނުންވާ ފަރާތްތަކުން ލިއޮނެލް މެސީ ފައުންޑޭޝަނަށް އެހީވެދިނުމަށެވެ. އަދި ޔަތީމް ކުދިންނަށް އެ ހަދިޔާތައް ދިނުމަށް މެސީވަނީ އެދިފައެވެ. މެސީގެ އުފަން ސަރަހައްދުގައި ބޭއްވޭ މި ކާވެނީގެ ހަފްލާ ގިނަ ބަޔަކު ސިފަކޮށްފައިވަނީ ގަރުނުގެ ބޮޑު ކައިވެނީގެ ގޮތުގައެވެ. މީ ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ލެޓިން އެމެރިކާގައި ބޭއްވި އެންމެ ޚާއްސަ ކާވެނީގެ އިޙުތިފާލެވެ.