English Edition
Dhivehi Edition

އޭއޯ ނިއުސް އިން އިންތިޒާމުކޮށްގެން އައްޑޫގައި ކުރިއަށް ގެންދާ އޭއޯ 3 ވަނަ މަދަޙަ މުބާރާތް އިއްޔެ ހުޅުމީދޫގައި ފަށައިފިއެވެ. ޖޫން 25 ވަނަ ދުވަހުން ފެށިގެން ޖޫން 30 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އައްޑޫގެ 2 ސަރަހައްދެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މީދޫ ޝަމްސުއްދީން ސްކޫލުގައި އިއްޔެ ހަވީރު ބާއްވާފައިވާއިރު ހުޅުމީދޫން މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ މަދަޙަ ހުށަހެޅުން އިއްޔެ ހަވީރާއި ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. 3 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 27 ޖޫން އިން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ދަރިވަރުންގެ މަދަޙަ ހުށަހެޅުން އޮންނާނެއެވެ. މުބާރާތް ކުރިއަށް ގެންދާނީ ޝަރަފުއްދީން ސްކޫލުގައެވެ. އިއްޔެ ހަވީރު ޝަމްސުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މަދަޙަ މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވެވީ މީދޫ ކައުންސިލަރު ޙުސެއިން ހިޔާޟެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ޖޫން 30 ވަނަ ދުވަހުގެ ރޭ ޝަރަފުއްދީން ސްކޫލުގައެވެ. މުބާރާތުގައި ކޮންމެ އުމުރުފުރައަކުން 1،2 އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު 5 ވަނަ އާއި މުބާރާތުގެ 1، 2 އަދި 3 ވަނަ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި މުބާރާތުގެ ކޯސްޕޮންސަރުންނަކީ ހެޕީމާކެޓް، ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް، އީކުއޭޓަރ ވިލެޖް، ތައިސީރު ޙައްޖު އެންޑް ޢުމުރާ އެވެ. މުބާރާތުގެ ޕްރިންޓިން ޕާޓްނަރ އަކީ އެމް7 ޕްރިންޓެވެ. އޭއޯގެ 3 ވަނަ މަދަޙަ މުބާރާތަށް އައްޑޫސިޓީ ކައުންސިލުން ވަނީ ފައިސާގެ އިނާމު ހުށަހަޅުއްވާފައެވެ. މީގެ އިތުރުން މަލްޓި މާޓް،އައްޑޫ ޕޮލިސް ސްޓޭޝަން، މޯލްޑިވްސް ރެޑް ކްރެސެންޓް، މީދޫ ޗާމިން ލޮޖް، ސިއު އެންޑް މޭކް އިން ވަނީ މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ.