ދާދި ފަހުން ފްރާންސް ލީގުގައި މާސޭ އާއި ދެކޮޅަށް ކުޅެނިކޮށް ޕީއެސްޖީގެ ތަރި ނޭމާގެ ފަޔަށް ލިބުނު އަނިޔާ އެއްގެ ސަބަބުން އޮޕަރޭޝަން ކުރަން ޖެހޭނޭ ކަމަށާއި އެހެން ކަމުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ނޭމާއަށް ނުކުޅެވޭނެ ކަމަށް ނޭމާގެ ބައްޕަ ބުނެފިއެވެ
ނޭމާގެ ބައްފަ މިހެން ބުނެފައިވާއިރު ބްރެޒިލް ގައުމީ ޓީމްގެ މެޑިކަލް އޮފިޝަލުން ބުނެފައިވަނީ ނޭމާ ރަނގަޅު ވުމަށް 2 ނުވަތަ ތިން މަސް ނަގާނެ ކަމަށާއި އެހެން ނަމަވެސް އަންނަ ޖޫން މަހުގައި އޮންނަ ފީފާ ވޯލްޑް ކަޕްއަށް އޭނާ ފިޓް ވާނެކަމަށެވެ
ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާ މެޗު އޮންނާނީ މިމަހުގެ ހަތްވަނަ ދުވަހުގައެވ
ނޭމާގެ ފަޔަށް އަނިޔާވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ލީގު އެކެއްގައި މާސެލޭ އަތުން 3-0 ގެ ނަތީޖާއިން ޕީއެސްޖީ މޮޅުވި މެޗުގައެވެ. ނޭމާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ފައި ސާޖަރީއެއް ކުރަން ޖެހޭ ކަމަށް ޑަކްޓަރުން ބުނެފައިވާއިރު އެކަމަށް އޭނާގެ ބައްޕަ އަންނަނީ ތާއީދު ކުރަމުންނެވެ
ނޭމާގެ ފަޔަށް ލިބުނު އަނިޔާ އެއްގެ ސަބަބުން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހޭނޭ ކަމަށް ނޭމާގެ ބައްޕަ ބުނެފައި ވީނަމަވެސް ނޭމާ އޮޕަރޭޝަނެއް ކުރަން ނުޖެހޭނޭ ކަމަށް ޕީއެސްޖީގެ ބޮސް އުނައި އެމެރީ ބުނެފިއެވެ
“ނޭމާ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ބުނެ އިވޭ އަޑު ތަކުގެ އެއްވެސް ހަގީގަތެއް ނެތް. ޑޮކްޓަރު ބުނެފައިވާ ގޮތުން އޭނާ އޮޕަރޭޝަނެއް ކުރާކަށް ނުޖެހޭ. އަނެއްކޮޅުން ރެއަލް މެޑްރިޑާއި ދެކޮޅަށް ކުޅެން އެންމެ ބޮޑަށް ބޭނުން ވަނީވެސް ނޭމާ. އެ މެޗުން ނޭމާ ފެނުމުގެ ކުޑަ ފުރުސަތެއް އެބަ އޮތް”. ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެމެރީ ބުނެފައި ވެއެވެ